ފްރާންސް، ޖަރުމަނު އަދި ޔުނައިޓެޑް ކިންގްޑަމް (އީ3) އިން އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ ދަށުން ފިޔަވަޅު އަޅަން ނިންމުމާ ގުޅިގެން، އދ. ގެ ނިއުކްލިއަރ ވޮޗްޑޯގް ކަމުގައިވާ އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައިއޭއީއޭ) އާ އެކު އޮތް ގުޅުން މެދުކަނޑާލާނެ ކަމަށް އީރާންގެ އެންމެ މަތީ ސަލާމަތީ މަޖިލިހުން ބުނެފިއެވެ.
އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) އިން މި އިންޒާރު ދީފައިވަނީ، އީރާނާ ދެކޮޅަށް ދާއިމީކޮށް ފިޔަވަޅު އެޅުމަށް ހުށަހެޅި ގަރާރު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްނުވުމަށްފަހުއެވެ. އީރާން އިން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއަރ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އޯގަސްޓް 28 ވަނަ ދުވަހު އީ3 އިން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އދ. ގެ ފިޔަވަޅުތައް އަލުން ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވެއެވެ.
ރައީސް މަސްއޫދު ޕެޒެޝްކިއަން ރިޔާސަތު ބަލަހައްޓާ އެސްއެންއެސްސީ އިން ބުނެފައިވަނީ، އީ3 އިން އަޅާފައިވާ ފިޔަވަޅަކީ "ރަނގަޅަށް ވިސްނާނުލައި" އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައިއޭއީއޭ އާ އެކު މަސައްކަތްކުރުމަށް އޮތް މަގު ބަންދުވެގެންދާނެ ކަމަށް އެ މަޖިލީހުން ބުނެފައިވެއެވެ.
މީގެ ކުރިން މި މަހު، އީރާން އާއި އައިއޭއީއޭ އާ ދެމެދު ގާހިރާގައި ބޭއްވުނު ބައްދަލުވުމެއްގައި، އީރާންގެ ނިއުކްލިއަރ ތަންތަނުގައި އިންސްޕެކްޝަންތައް އަލުން ފެށުމަށް އެއްބަސްވެފައިވެއެވެ. އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣަރީބާބާދީ ވަނީ، ޑިޕްލޮމެޓިކް ދާއިރާއިން އިތުރު ކުރިއެރުމެއް ނުލިބިއްޖެނަމަ، ގާހިރާގައި ވެވުނު އެއްބަސްވުން "މުޅިން ހުއްޓާލެވޭނެ" ކަމަށް ބުނެފައެވެ.
2015 ވަނަ އަހަރު ވެވުނު ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ދަށުން، އީރާން އިން އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް މަޑުޖައްސާލުމަށް އެއްބަސްވެ، އޭގެ ބަދަލުގައި އެ ގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.


