Tuesday, 28 July 2026

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް 200 އަށްވުރެ ގިނަ ޔޫރަޕިއަން ޑިޕްލޮމެޓުން ގޮވާލައިފި

ޔޫރަޕިއަން ޔޫނިއަންގެ ކުރީގެ 209 އެމްބެސެޑަރުންނާއި އިސް އޮފިޝަލުން ސޮއިކޮށްފައިވާ ސިޓީއެއްގައި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފިއެވެ.

މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސަރުކާރުން ޣައްޒާ ސިޓީއާއި އޭގެ ވަށައިގެންވާ ސަރަހައްދުތައް ހުސްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި، މިގޮތުން އެއް މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދެކުނުގެ ސަރަހައްދުތަކަށް ބަދަލުކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މީގެ ސަބަބުން ބޮޑު ހިޖުރައިގެ ހާލަތެއް ކުރިމަތިވެދާނެ ކަމުގެ ބިރު ފާޅުކޮށްފައިވެއެވެ.

އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގެ ސަރަހައްދުތަކުގައި އިންސާނީ ހަރަކާތްތަކުން މެދުވެރިވި ބަނޑުހައިހޫނުކަމުގެ ހާލަތެއް މިހާރު ވަނީ ކުރިމަތިވެފައެވެ. މިގޮތުން ނިމިދިޔަ އޯގަސްޓް 22 ގައި ހާމަކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ވަނީ ބަނޑުހައިހޫނުކަމާއި މަރުވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައެވެ.

"ޖުލައި 28 ގައި އަޅުގަނޑުމެން ފޮނުވި ސިޓީއަށްފަހު، 2،600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފައި. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ," ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އިސްރާއީލް ސަރުކާރުން ވަނީ މާރޗް 2 އިން ފެށިގެން އދ. ގެ އަންރާ އާއި 100 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެންޖީއޯތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާފައިވާ ކަމަށާއި، މިހާތަނަށް 200 އަށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން، އޭގެ ތެރޭގައި 60 އަށްވުރެ ގިނަ ކުޑަކުދިން، ކާބޯތަކެތި ނުލިބުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ޑިޕްލޮމެޓުން މި ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ޣައްޒާގެ ހާލަތު ގޯސްވަމުންދާއިރުވެސް، އިސްރާއީލްގެ މައްޗަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަނުން އެއްވެސް މުހިންމު ފިޔަވަޅެއް އަޅާފައިނުވާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *