އިއްޔެ ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. އަލްޖަޒީރާގެ ނޫސްވެރިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ އުތުރު ސަރަހައްދުތަކަށް އަމާޒުކޮށް ދެވޭ ހަމަލާތައް އިތުރުވެފައިވާއިރު، ހަމައެކަނި ޣައްޒާ ސިޓީގައި 61 މީހުން ޝަހީދުވެފައިވެއެވެ.
ޣައްޒާ ސިޓީގެ އުތުރުގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު ބަޔަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 12 މީހުން ޝަހީދުވެފައިވެއެވެ. މީގެ އިތުރުން، އާއިލާތަކަށް ކާނާ ހޯދުމަށް މަސައްކަތްކުރަމުންދިޔަ 37 މީހުން އިސްރާއީލީ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ރަފާހުގެ އުތުރުގައި ހުރި އެހީގެ ޕޮއިންޓެއް ކައިރީގައި 16 މީހުންނާއި، އުތުރުގައި އެހީއަށް އިންތިޒާރުކުރަމުންދިޔަ 14 މީހުން ހިމެނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން މެދުވެރިކޮށްފައިވާ ބަނޑުހައިހޫނުކަމާއި ކާނާގެ މަދުކަމުގެ ސަބަބުން 8 މީހުން، އޭގެ ތެރެއިން 3 ކުޑަކުދިން ނިޔާވެފައިވެއެވެ. އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން ނިޔާވި މީހުންގެ އަދަދު 235 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 106 ކުޑަކުދިން ހިމެނެއެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕެލެސްޓައިން ރެފިއުޖީސް (އަންރުވާ) ގެ ވެރިޔާ ފިލިޕް ލަޒަރީނީ މި ހާދިސާތައް ސިފަކުރެއްވީ "ޣައްޒާގެ ކުޑަކުދިންނާއި ކުޑަކުދިންގެ ދުނިޔެއާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އެންމެ ފަހުގެ ހާދިސާތައް" ގެ ގޮތުގައެވެ.


