ޣައްޒާގެ ދެއިރު އަލް-ބަލާހުގައި ހުރި ނުއްސުރެ ކޭމްޕެއްގައި އާއިލާގެ ޓެންޓުގައި ބަލިކަށި އަދި ނިކަމެތި ހާލުގައި އޮންނަ 12 އަހަރުގެ ހުދާ އަބޫ ނަޖާގެ ހާލަތު ވަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ހުދާގެ އަތްތައް ވަނީ ނުރައްކާތެރި ގޮތަކަށް ހިކި، އަދި ކަށިތައް ވަނީ ހަމުގެ ތެރެއިން ފެންނަ މިންވަރަށް ނިކުމެފައެވެ.
"އިސްރާއީލުން ޣައްޒާގެ ބޯޑަރުތައް ބަންދުކުރި މާރިޗު މަހުން ފެށިގެން އަޅުގަނޑުގެ ދަރިފުޅު މި އުޅެނީ ބަނޑުހައި ހޫނުކަމުގައި" ހުދާގެ މަންމަ، ސޯމިއާ އަބޫ ނަޖާ ބުނެފައިވެއެވެ. "އޭނާ ތިން މަސް ދުވަހު ހޭދަކުރީ ހޮސްޕިޓަލުގައި، އެކަމަކު އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ނާދޭ."
ދެކުނު ޣައްޒާގެ ހާން ޔޫނިސްގައި ހުންނަ ނާސަރު ހޮސްޕިޓަލުގައި ފަސް ކުދިން ބަނޑުހައިހޫނުކަމުގައި މަރުވަނިކޮށް ފެނުމާ ގުޅިގެން، އާއިލާގެ ޓެންޓަށް ދަރިފުޅު ގެނައުމަށް ނިންމި ކަމަށް ސޯމިއާ ބުނެފައިވެއެވެ. "ކުރިން އޭނާގެ ބަރުދަން ހުރީ 35 ކިލޯގައި، މިހާރު އެވަނީ 20 ކިލޯއަށް ދަށްވެފައި،" ސޯމިއާ އިތުރަށް ބުނެފައިވެއެވެ.
ލޯކަލް ހެލްތު އޮތޯރިޓީތަކުން ބުނާ ގޮތުގައި، އިސްރާއީލުން ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީ ޣައްޒާއަށް ވަނުން ހުއްޓުވަމުން ގެންދާއިރު، ހުދާއަކީ ޣައްޒާގައި ކާނާގެ ދަތިކަން ދިމާވެފައިވާ ލައްކައަކަށްވުރެ ގިނަ ފަލަސްޠީނު ކުދިންގެ ތެރެއިން އެންމެ ކުއްޖެކެވެ.
ޔޫ.އެން އިން ބާރުދޭ ހަނގުރާމައިގެ މޮނިޓަރިންގ ސިސްޓަމުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އުތުރު ޣައްޒާގައި 500,000 އަށްވުރެ ގިނަ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ހާލަތުގައެވެ. މިއީ މެދުއިރުމަތީގައި މިފަދަ ހާލަތެއް ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިސްރާއީލުގެ ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުން އުފެއްދި ބަނޑުހައިހޫނުކަމުގެ ސަބަބުން 280 އަށްވުރެ ގިނަ މީހުން، އޭގެ ތެރޭގައި 110 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވެއެވެ.


