އެއަރ އިންޑިއާގެ ފްލައިޓް 171 ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން އިންޑިއާގެ އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން ހާމަކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޯޓު ވައިގެ މަތިން ފުރުމަށްފަހު ސިކުންތުތަކެއްގެ ތެރޭގައި ދެ އިންޖީނަށްވެސް ދެމުންދިޔަ ފިއުލް ވަނީ ކަނޑާލާފައެވެ.
ޖޫން 12 ގައި ހިނގި މި ހާދިސާގައި، އަހުމަދާބާދުގެ ސަރުދާރު ވަލަބްބާއި ޕަޓެލް އިންޓަނޭޝަނަލް އެއަރޕޯޓުން ފުރި ބޯޓު ވެއްޓުނީ ފުރުމަށްފަހު 30 ސިކުންތު ތެރޭގައެވެ. ލަންޑަނަށް ދަތުރުކުރި މި ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެން ވަނީ މަރުވެފައެވެ.
ބޯޓު ވެއްޓުނީ މެޑިކަލް ކޮލެޖެއްގެ ކެންޓީން ހޯލަށެވެ. އަދި ވެއްޓުމާއެކު އަލިފާން ރޯވެ، ބިމުގައި ތިބި މީހުންނާއެކު ޖުމްލަ 270 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މިއީ 1996 އިން ފެށިގެން އިންޑިއާގައި ހިނގި އެންމެ ބޮޑު ވައިގެ ދަތުރުފަތުރުގެ ހާދިސާއެވެ.
ކޮކްޕިޓްގެ އަޑުގެ ރެކޯޑިންގގައި ޕައިލެޓުންކުރެ އެކަކު އަނެކަކާ ސުވާލުކުރަނީ ކީއްވެގެންތޯ ފިއުލް ކަނޑާލީ ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި އަނެއް ޕައިލެޓް ޖަވާބުދިނީ އޭނާ އެކަން ނުކުރާ ކަމަށެވެ. ފިއުލް ކަނޑާލުމަށްފަހު 10 ސިކުންތު ތެރޭގައި އަލުން ފިއުލް ދޭން މަސައްކަތްކުރި ނަމަވެސް، ބޯޓު ވެއްޓުން ހުއްޓުވޭވަރަށް ބާރުވެ، ވަގުތު ފާއިތުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެ ފްލައިޓްގެ ކެޕްޓަން ސުމީތް ސަބަރްވާލްގެ 15،000 ގަޑިއިރުގެ ދަތުރުފަތުރުގެ ތަޖުރިބާ ލިބިފައިވާއިރު، ފަސްޓް އޮފިސަރ ކްލައިވް ކުންދަރަށް 3،400 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވެއެވެ. މި ހާދިސާއަކީ އިންސާނީ އަމަލަކުން ނުވަތަ އެކްސިޑެންޓަކުން ހިނގާފައިވާ ކަމެއްތޯ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.


