އިރާނުން ދީފައިވާ އިންޒާރުތަކާ ގުޅިގެން އިރާގުގެ ވެރިރަށް ބަޣްދާދުގައި ހުރި އެމެރިކާގެ އެމްބަސީ އިން ޑިޕްލޮމެޓިކް މުވައްޒަފުން އަވަސް އަވަހަށް ފުރުވާލަން ފަށައިފިކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކުކަށަވަރުކޮށްދީފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސް ޓްރަމްޕް އެމެރިކާގެ ރައްޔިތުން އެ ޤައުމާއި ޤައުމުން ބޭރުގައިވެސް ރައްކާތެރިކަމާއެކު ބެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއެވ
"އެގޮތުން،ހުރިހާ އެމްބަސީތަކެއްގައި ތިބޭ މުވައްޒަފުންގެ ރައްކާތެރިކަން އަޅުގަނޑުމެން ދަނީ ދިރާސާކުރަމުން. އެންމެ ފަހުގެ ދިރާސާތަކަށް ބަލާއިރު، އިރާގުގައި ހުރި އަޅުގަނޑުމެންގެ މިޝަން ކުޑަކުރުމަށް ނިންމީ." އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
މި ނިންމުން ނިންމާފައިވަނީ އިރާނުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއަރ ޖެނެރަލް އަޒީޒް ނަސީރްޒާދާ ދެއްވި އިންޒާރަކާ ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އިރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ހިނގައިފިނަމަ، ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށެވެ. އަދި އިރާނުގެ މިސައިލްތަކުގެ ވިއްސާރައިގެ ދަށަށް އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް އަންނާނެކަމަށްވެސް އިންޒާރު ދެއްވިއެވެ.
މި ކަންތައްތައް މިހާ ގޯސްވެފައިވަނީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުމާ ގުޅިގެންނެވެ. އެމެރިކާއިން ބޭނުންވަނީ އިރާނުން ޔުރޭނިއަމް އެންރިޗްކުރުން މުޅިން ހުއްޓާލުމަށެވެ. ނަމަވެސް އިރާނުގެ ވާހަކަދައްކާ ފަރާތްތަކުން ބުނަނީ މިކަމަކީ އެއްވެސް ހާލެއްގައި މަޝްވަރާކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއްބަސްވުމަކާ ނުލައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.
އޮމާނުގެ މެދުވެރިކަމާއެކު ކުރިއަށްދާ ނުސީދާ މަޝްވަރާތައް އަދިވެސް ކުރިއަށްދާއިރު، އިރާގުގައި ހުރި އެމެރިކާގެ އެމްބަސީން ކިހާ މިންވަރަކަށް މުވައްޒަފުން ފުރުވާލަން ނިންމާފައިވާކަން އަދި ސާފެއް ނުވެއެވެ. އަދި އިތުރު މަޝްވަރާތަކުގެ ހަވަނަ ބުރު އާދީއްތަ ދުވަހު މަސްކަޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


