ޣައްޒާގެ އިންސާނީ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، އދ. އިން ހުށަހެޅި 18 އިންސާނީ އެހީގެ މަސައްކަތުގެ ތެރެއިން 11 މަސައްކަތަށް އިސްރާއީލުން ހުއްދަ ނުދޭކަމަށް އދ. އިން އިއްޔެ ބުނެފިއެވެ.
އދ. ގެ ސްޕޯކްސްޕަރސަން ފަރްހާން ހަޤް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް ލިބެންހުރި މަދު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ ގިނަ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅަމުންދެއެވެ. މީގެ ތެރޭގައި ފެން އުފުލުމާއި، ތެޔޮ ހޯދުމާއި، ޚާން ޔޫނިސްގައި ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރުމާއި، މަގުތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އަށް ހަވާލާދެއްވައި ހަޤް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތައް ކުރިއަށްދާއިރު، ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އަސާސީ ބޭނުންތައް ފުއްދުމުގެ ފުރުސަތު ނުލިބެއެވެ.
"އުތުރު ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތައް ފަހަކަށްއައިސް އިތުރުވެފައިވާއިރު، ގިނަ އަދަދެއްގެ މީހުން މަރުވަމުންދާކަމަށް ރިޕޯޓުކުރެވިފައިވޭ، .އަދި ބަނޑުހައިހޫނުކަމުގައި ތިބި، ގެދޮރު ގެއްލިފައިވާ މީހުން، ކާބޯތަކެތި ހޯދުމަށް ފައުޖީ ބެހުމުގެ މަރުކަޒުތަކަށް ދިއުމުގެ ތެރޭގައި މަރުވަމުންދާކަމަށްވެސް ރިޕޯޓުކުރެވިފައިވޭ." ހަޤް ވިދާޅުވިއެވެ
މެއި 27 އިން ފެށިގެން އިސްރާއީލުން ވަނީ "ޣައްޒާ ރިލީފް ފައުންޑޭޝަން" ގެ ނަމުގައި އެމެރިކާގެ އެހީތެރިކަމާއެކު އައު އެހީގެ މަސައްކަތެއް ފަށާފައެވެ. ނަމަވެސް ގިނަ ފަލަސްޠީނުން ދެކޭގޮތުގައި މިއީ އުތުރު ޣައްޒާގެ ރައްޔިތުން ދެކުނަށް ބަދަލުކުރުމަށް ކުރާ މަސައްކަތެކެވެ. މާރޗް 2 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގެ މައި ބޯޑަރ ކްރޮސިންގްތައް ބަންދުކޮށް، ވަރަށް މަދު އަދަދެއްގެ ޓްރަކުތަކަށް ވަނުމުގެ ހުއްދަ ދީފައެވެ. ޣައްޒާގެ އަސާސީ ބޭނުންތައް ފުއްދުމަށް ދުވާލަކު މަދުވެގެން 500 އެހީގެ ޓްރަކު ބޭނުންވެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 55,000 އާ ގާތްކުރާ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.


