އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ދުނިޔޭގެ އެންމެ އުސް ސިންގަލް އާރޗް ރެއިލްވޭ ބްރިޖް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. މި ބްރިޖަކީ ކަޝްމީރުގެ ވެލީ ސަރަހައްދު އިންޑިއާގެ އެހެން ސަރަހައްދުތަކާ ފުރަތަމަ ފަހަރަށް ރެއިލްވޭ މެދުވެރިކޮށް ގުޅުވައިދޭނެ ބްރިޖެކެވެ.
ޗެނާބް ކޯރުގެ މަތީގައި އަޅާފައިވާ މި ބްރިޖަކީ ޕެރިސްގެ މަޝްހޫރު އީފަލް ޓަވަރަށްވުރެ 35 މީޓަރު (114 ފޫޓު) އުސް އިމާރާތެކެވެ. އިންޑިއަން ރެއިލްވޭސްއިން މި ބްރިޖް އެޅުމަށް 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވެއެވެ.
މި ބްރިޖަކީ ޖައްމޫ މެދުވެރިކޮށް ކަޝްމީރު ވެލީއާ ހަމައަށް ދެމިގެންދާ 272 ކިލޯމީޓަރު (169 މޭލު) ދިގު، ހުރިހާ މޫސުމެއްގައިވެސް ބޭނުންކުރެވޭ ރެއިލްވޭ މަގުގެ ބައެކެވެ. މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރަކީ މިހާރު ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ގެ ޕްރޮޖެކްޓް މެނޭޖަރެވެ.
އެފްކޮންސް އިން ތަންފީޒުކުރި މި މަޝްރޫޢަކީ އިންޑިއާގެ އިންފްރާސްޓްރަކްޗަރ ތަރައްގީގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަޝްރޫޢެކެވެ. މި ބްރިޖް ހުޅުވުމާއެކު ކަޝްމީރު ވެލީގެ ދަތުރުފަތުރުގެ ނިޒާމަށް އައު ހަރުފަތަކަށް އަރައި، އެ ސަރަހައްދުގެ އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.


