ހޮނިހިރު ދުވަހު ހެނދުނު، ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ ނާސަރ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރެއްގެ ގެއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެ ޑޮކްޓަރުގެ 9 ދަރިން ޝަހީދުވެ، ފިރިކަލުން ނުރައްކާތެރި ހާލަތެއްގައި ވަނިކޮށް، މި "ލާއިންސާނީ މަރުގެ އަމަލު" ހަމާސްއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މެޑިކަލް ދާއިރާގެ މަސްދަރުތަކުން ހާމަކުރި ގޮތުގައި، ނާސަރ ހޮސްޕިޓަލުގެ ޑޮކްޓަރ އަލާ ނައްޖާރުގެ 10 ދަރިންގެ ތެރެއިން 9 ދަރިން މި ހަމަލާގައި މަރުވެފައިވެއެވެ. އަދި އެ ޑޮކްޓަރުގެ ފިރިކަލުންވެސް ވަނީ އައިސީޔޫއަށް ލާފައެވެ. އަލާގެ ފިރިކަލުންނަކީ ވެސް ޑޮކްޓަރެކެވެ.
ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަމަލާއިން އިސްރާއީލުގެ އަނދިރި ފަރާތް ހާމަވެ، ނެތަންޔާހޫ އާއި އޭނާގެ މަރުގެ ޖަމާއަތުގެ ހިތުގައި އޮތް ބަދަލުހިފުމުގެ ރޫހު ހާމަވެގެން ދިޔަ ކަމަށެވެ. އަދި ނެތަންޔާހޫއަކީ "ފިނިހިތަކާއެކު ގިނަ ބަޔަކު މަރާލުމުގެ" އަމަލުތައް ހިންގާ މީހެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މިއީ ޒަމާނީ ތާރީޚުގައި މެޑިކަލް ޓީމުތަކާ ދެކޮޅަށް ހިންގި އެންމެ އަނިޔާވެރި ކުށްތަކުގެ ތެރެއިން އެއް ކުށް،" ހަމާސްއިން ބުނެފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުން ސިއްހީ އެހީތެރިންނަށް ސިސްޓަމެޓިކްކޮށް ޓާގެޓްކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ މުޖުތަމައުގެ ގޮވާލުންތަކަށް އިޖާބަ ނުދީ، އިސްރާއީލުން ވަނީ 53,900 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަރާލާފައެވެ. އޭގެތެރެއިން ގިނައީ އަދަދެއް އަންހެނުންނާއި ކުޑަކުދިންނެވެ.


