Tuesday, 28 July 2026

ޣައްޒާއަށް "އަސާސީ މިންވަރެއްގެ" ކާބޯތަކެތި ވެއްދުމަށް އިސްރާއީލުން ނިންމައިފި

10 ހަފްތާގެ ބްލޮކޭޑަކަށް ފަހު، ޣައްޒާގައި "ބަނޑަހައިހޫނުކަމުގެ ކާރިސާއެއް" ކުރިމަތިނުވާނެ ކަން ޔަގީން ކުރުމަށް ކަމަށް ބުނެ، "އަސާސީ މިންވަރެއްގެ" ކާބޯތަކެތި އެ ސަރަހައްދަށް ވެއްދުމަށް އިސްރާއީލުން ނިންމައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ލަފާގެ މަތިން އަދި ހަމާސްއާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

މި އިއުލާން ކުރެވުނީ އިސްރާއީލުގެ ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި "ފުޅާ ދާއިރާއެއްގައި އެއްގަމުގެ އޮޕަރޭޝަންތައް" ފަށާފައިވާކަން އިއުލާން ކުރުމަށްފަހުއެވެ. ޣައްޒާގެ 2.1 މިލިއަން އާބާދީއަށް ކާބޯތަކެތި، ތެޔޮ އަދި ބޭސްފަރުވާގެ ތަކެތި ނުލިބި 10 ހަފްތާ ވަނިކޮށް، އިސްރާއީލުގެ މައްޗަށް ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން އިތުރު ބާރުތަކެއް ފޯރުކޮށްދީފައިވެއެވެ.

އެހީދޭ އޭޖެންސީތަކުން ވަނީ ޣައްޒާގެ ކުޑަކުދިންގެ މެދުގައި ކަރުހިއްކުމާއި ނުރަނގަޅު ކެއުމުގެ ސަބަބުން ދިމާވާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށް، އެ ސަރަހައްދުގައި ބަނޑަހައިހޫނުކަމުގެ ނުރައްކާ އޮތްކަމަށް އިންޒާރު ދީފައެވެ. ފްރާންސްގެ ބޭރު ވުޒާރާގެ ވަޒީރު ޖީން-ނޯއެލް ބާރޯޓް ވަނީ ޣައްޒާއަށް ގުތުން، ގިނަ އަދަދަކަށް އަދި ހުރަހެއްނެތި އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް ގޮވާލާފައެވެ.

އިސްރާއީލުގެ ސިފައިން އިއްޔެ ވަނީ ޣައްޒާގެ އުތުރުގައި ހުރި ހޮސްޕިޓަލަކާއި އެހެނިހެން ތަންތަނަށް ހަމަލާދީފައެވެ. އަދި ޚާން ޔޫނިސް، ބައިތް ލަހިޔާ އަދި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށްވެސް ހަމަލާދީފައިވާކަމަށް ސަލާމަތްކުރާ ފަރާތްތަކުން ބުނެއެވެ. ހަމާސްއިން ހިންގާ ސިއްހީ މިނިސްޓްރީން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަދުވެގެން 67 މީހުން މަރުވެ، 361 މީހުން ޒަޚަމްވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *