އިންޑިއާގެ ކަޝްމީރުގެ މަޝްހޫރު ފަތުރުވެރިކަމުގެ ސަރަހައްދު ޕަހަލްގާމަށް ދިން ހަމަލާއެއްގައި 28 މީހުން މަރުވެ، 20 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.
އިއްޔެ ހަވީރު 2:50 ހާއިރު ބައިސަރަން ވެލީގައި ހިނގި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 24 އިންޑިއަން ފަތުރުވެރިންނާއި، ދެ އާންމު ރައްޔިތުންނާއި، ނޭޕާލް އަދި ޔޫއޭއީގެ ދެ ބިދޭސީން ހިމެނެއެވެ.
ޕާކިސްތާނުގެ ލަޝްކަރެ-ތައިބާގެ ގޮތްޕެއް ކަމަށްވާ ދަ ރެސިސްޓަންސް ފްރަންޓް (ޓީއާރްއެފް) އިން މި ހަމަލާގެ ޒިންމާ ވަނީ ނަގާފައެވެ. އަދި މިއީ ކަޝްމީރުގެ ޑިމޮގްރަފިކް ބަދަލުކުރުމަށް 85،000 އަށްވުރެ ގިނަ ބޭރުގެ މީހުން އާބާދުކުރަމުންދާތީ ދިން ހަމަލާއެއް ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.
ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި، ސިފައިންގެ ޔުނިފޯމް ލައިގެން ތިބި ހަމަލާދިން މީހުން ވަނީ މުސްލިމުންނާއި ނޫން މީހުން ވަކިކޮށް، މުސްލިމުން ނޫން މީހުންނަށް ގާތުން ވަޒަން އަމާޒުކޮށްފައެވެ. މި ހަމަލާގެ މައި ރޭވުންތެރިއަކީ ލަޝްކަރެ-ތައިބާގެ އިސް ކޮމާންޑަރު ސައިފުﷲ ކަސޫރީ (ޚާލިދު) ކަމަށް އިންޓެލިޖެންސް އޭޖެންސީތަކުން ދެނެގަނެފައިވެއެވެ.
މި ހަމަލާ އާއި ގުޅިގެން އިންޑިއާގެ އެތެރޭގެ ކަންކަމާ ބެހޭ ވަޒީރު އަމިތް ޝާ ވަނީ ސްރީނަގަރަށް ވަޑައިގެން ސަލާމަތީ ފިޔަވަޅުތައް މުރާޖަޢާކުރައްވާފައެވެ. އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމު އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މި އަމަލު ކުށްވެރިކުރައްވައި، ކުށްވެރިންނަށް އަދަބު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


