Tuesday, 28 July 2026

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިސްރާއީލުން އާދީއްތަ ދުވަހުގެ ފަތިހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 235 މީހުން މަރުވެއްޖެއެވެ. މިއީ ޖެނުއަރީ މަހު ހަނގުރާމަ ހުއްޓާލި ފަހުން އިސްރާއީލުން ދިން އެންމެ ބޮޑު ހަމަލާއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫބުނި ގޮތުގައި، ހަމަސް ހިފަހައްޓާފައި ތިބި ރަހީނުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމާ ގުޅިގެން މި ހަމަލާތައް ދިނުމަށް އަމުރުކުރި ކަމަށެވެ. އަދި މި އޮޕަރޭޝަން އިތުރަށް ފުޅާވެގެން ދާނެ ކަމަށް އިސްރާއީލުގެ އިސްވެރިން ބުނެފައިވެއެވެ.

ހަމަސްގެ އިސް އޮފިޝަލެއް ކަމަށްވާ އިޒަތް އަލް-ރިޝެޤް ބުނި ގޮތުގައި، ނެތަންޔާހޫގެ މި ނިންމުމަކީ ރަހީނުންނަށް މަރުގެ ޙުކުމް އިއްވުމެކެވެ. އަދި އޭނާ ބުނި ގޮތުގައި ހަނގުރާމަ އަލުން ފެށުމުގެ ނިންމުން ނިންމާފައި މިވަނީ އޭނާގެ ކިޑުފަރާތުގެ ސަރުކާރު ސަލާމަތްކުރުމަށް ކަމަށެވެ.

ޣައްޒާގެ 7 ހޮސްޕިޓަލަކަށް ގެންދެވުނު މަރުވެފައިވާ މީހުންގެ ރެކޯޑުތަކަށް ބަލާއިރު މިހާތަނަށް 235 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން މަޢުލޫމާތު ދެއެވެ. އަދި އެހެން ކުދި މަރުކަޒުތަކަށް ގެންދެވުނު މަރުވެފައިވާ މީހުންގެ އަދަދު މީގެ ތެރޭގައި ނުހިމެނޭ ކަމަށާއި، އަދިވެސް މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.

ހަމަސްއިން ބުނެފައިވަނީ އިސްރާއީލުން މި ދިން ހަމަލާތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން ރަހީނުންގެ ރައްކާތެރިކަމަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހު ވެވުނު އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެފައިވާ ކަމަށް ބުނެ، ކޮންފަރާތަކުންކަން މެދުވެރިންނަށް ހާމަކޮށްދިނުމަށް ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *