ޢަރަބި ލީޑަރުން ހުށަހެޅި ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭން އެމެރިކާގެ ޓްރަމްޕް އިދާރާއިން ވަނީ ބަލައިނުގަނެ، އެ ސަރަހައްދުގެ ފަލަސްތީނު ރައްޔިތުން ނެރެ، އެމެރިކާގެ މިލްކިއްޔާތެއްގެ ގޮތުގައި "ރިވިއެރާ" އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި ދެމިހުންނާނެކަމަށް ބުނެފައެވެ.
ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސްޕޯކްސްމަން ބްރަޔަން ހިއުޒް ވިދާޅުވި ގޮތުގައި މިހާރު ހުށަހެޅިފައިވާ ޕްލޭންގައި ޣައްޒާގެ މިހާރުގެ ހާލަތު އަދި އެތަނުގައި ދިރިއުޅެން ނުކުޅެދޭ މިންވަރަށް ސަރަހައްދު ހަލާކުވެ، ނުގޮއްސި ހުރި ހަތިޔާރުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ހާލަތަށް އެކަށީގެންވާ ހައްލެއް ހުށަހަޅާފައި ނުވެއެވެ.
މިސްރުން ހުށަހެޅި 53 ބިލިއަން ޑޮލަރުގެ މި ޕްލޭންގައި 2030 ވަނަ އަހަރާ ހަމައަށް ޣައްޒާ އަލުން ބިނާކުރުމަށް ހުށަހަޅާފައިވެއެވެ. އޭގެ ފުރަތަމަ ފިޔަވަހީގައި ނުގެންގޮސް ހުރި ހަތިޔާރުތައް ނައްތާލުމާއި، އިސްރާއީލްގެ ހަމަލާތަކުން އުފެދުނު 50 މިލިއަން ޓަނުގެ ވެއްޔާއި ކުނޑިފުނި ސާފުކުރުން ހިމެނެއެވެ.
ޖެނުއަރީ މަހުން ފެށިގެން ދެމިއޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަސް ހޮނިހިރު ދުވަހު ނިމުމަކަށް އައުމާއެކު، އިތުރަށް ހަނގުރާމަ ފެށުމުގެ ބިރު އޮތްކަމަށް ބެލެވެއެވެ. އިސްރާއީލުން ވަނީ ހަމާސްއަށް ފިއްތުން ދިނުމުގެ ގޮތުން ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ތަކެތި ޣައްޒާއަށް ވެއްދުން ހުއްޓުވާފައެވެ.
އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ބުނާ ގޮތުގައި އިސްރާއީލުން މިހެން ޢަމަލުކުރުމަކީ އޮކިއުޕައިންގ ބާރެއްގެ ހައިސިއްޔަތުން އެ ޤައުމުގެ މައްޗަށް ލާޒިމްވާ ބައިނަލްއަޤްވާމީ ޤާނޫނީ ޒިންމާތަކާ ޚިލާފު ކަމެކެވެ.


