ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިސްރާއީލުން މުޅިން ހުއްޓާލުމާ ގުޅިގެން ގިނަ އަރަބި ޤައުމުތަކާއި އދ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިސްރާއި ޤަތަރުން ބުނެފައިވަނީ އިސްރާއީލްގެ މި ފިޔަވަޅަކީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ ހަމާސްއިން އެހީގެ ތަކެތި ވަގަށް ނަގައި، "ޓެރަރިޒަމްގެ މެޝިނަރީ" އަށް ބޭނުންކުރާތީ މި ފިޔަވަޅު އަޅަން ޖެހުނު ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުން ހަމާސްއިން ދެކޮޅު ހެދި ކަމަށްވެސް ވިދާޅުވިއެވެ.
ހަމާސްގެ ޚަބަރު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލްގެ މި ފިޔަވަޅަކީ "އާދައިގެ ބްލެކްމެއިލް" އަކަށްވެފައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅަށް ކޮށްފައިވާ "ކޫއްތާ" އެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 33 އިސްރާއީލީ ރަހީނުން ދޫކޮށްލުމާ ބަދަލުގައި 1،900 ފަލަސްތީނު ބަންދު މީހުން ދޫކޮށްލެވުނެވެ.
މިސުރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ބަނޑަށްޖެހުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އަދި ސައޫދީ އަރަބިއްޔާއިން ވެސް ވަނީ އިސްރާއީލްގެ މި ފިޔަވަޅު ކުށްވެރިކޮށްފައެވެ.
އދ ގެ އިންސާނީ ކަންކަމުގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޓޮމް ފްލެޗަރ ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް ހަމާސްއިން އެހީގެ ތަކެތި ވަގަށް ނަގާ ކަމުގެ ތުހުމަތު އެ ޖަމާއަތުން ވަނީ ކުރިންވެސް ދޮގުކޮށްފައެވެ.


