Tuesday, 28 July 2026

މާލޭ ބާޒާރުމަތީގެ އަގުތައް ބަލާލެވޭނެ ޕޯޓަލްއެއް ތައާރަފްކޮށްފި

ރަމަޟާންމަހު މާލޭ ބާޒާރުމަތީގައި ކާބޯތަކެތީގެ އަގުތައް ހުރިގޮތް ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ "އަގުމަގު" ޕޯޓަލް އިޤްތިޞާދީ ވުޒާރާއިން ރޭ އިފްތިތާޙް ކޮށްފިއެވެ. މި ޕޯޓަލް ލޯންޗުކޮށްދެއްވީ ދައުލަތުގެ މީޑިއާގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދެވެ.

އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ 98 ބާވަތެއްގެ އެންމެ ފަހުގެ އަގުތައް ބަލައިލެވޭނެއެވެ. އަދި ޕޯޓަލްގައި ހިމަނާފައިވާ އަގުތަކަކީ ރެންޑަމް އިންސްޕެކްޝަންތަކުގައި އެއްކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިސްޓުކޮށްފައިވާ އަގުތަކެކެވެ. މި ވަގުތު ޕޯޓަލްގައި ފެންނަން ހުންނާނީ މާލެ ސަރަހައްދުން އެއްކޮށްފައިވާ މަޢުލޫމާތެވެ.

ރަމަޟާންމަހު އަސާސީ ކާބޯތަކެތީގެ އަގުތައް މޮނިޓަރ ކުރުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ތިން ކެޓަގަރީއެއް ކަނޑައަޅާފައެވެ. މީގެ ތެރޭގައި ގޭބީސީތަކުގެ ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ 93 އަސާސީ ބާވަތާއި، މޭވާ އާއި ތަރުކާރީގެ 38 ބާވަތާއި، މަހުގެ 10 ބާވަތް ހިމެނެއެވެ. މީގެ ތެރެއިން 32 އައިޓަމަކީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި އިޤްތިޞާދީ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

އިޤްތިޞާދީ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި ޕޯޓަލްގައި އަސާސީ ބާވަތްތައް ކަނޑައަޅާފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. މި ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް ބާޒާރުމަތީގެ އަގުތައް ފަސޭހައިން ބެލޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *