މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައި ވިޔަސް، ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މި އަހަރުގެ ބަޖެޓު އަދި އޮތީ 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ 13 އާ ހަމައަށް 4.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 4.4 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ 4.1 ބިލިއަން ރުފިޔާއިން 3.9 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު، ޓެކްސް ނޫން އާމްދަނީ 718.7 މިލިއަން ރުފިޔާއިން 541.3 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.
އާމްދަނީ ދަށްވުމުގެ އަސަރު ކުޑަކުރުމަށް ސަރުކާރުން ވަނީ ދައުލަތުގެ ޖުމްލަ ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. މިގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.1 ބިލިއަން ރުފިޔާ ހުރި ޖުމްލަ ހަރަދު މި އަހަރު ވަނީ 3 ބިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. މި ސަލާމަތްކުރެވުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ސަލާމަތްކުރެވިފައިވަނީ ރިކަރަންޓް ހަރަދުތައް ކުޑަކޮށްގެންނެވެ.
ރިކަރަންޓް ހަރަދުގެ ތެރެއިން މުސާރަ އާއި ޕެންޝަނަށް ކުރާ ހޭދަ 100 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވީ ނަމަވެސް، އިދާރީ އަދި ހިންގުމުގެ ހަރަދުތައް މިދިޔަ އަހަރުގެ 2.18 ބިލިއަން ރުފިޔާއިން 1.73 ބިލިއަން ރުފިޔާއަށް ދަށްކޮށްފައިވެއެވެ. އަދި ކެޕިޓަލް ހަރަދުތައް ވެސް މިދިޔަ އަހަރުގެ 855.8 މިލިއަން ރުފިޔާއިން ވަރަށް ބޮޑުތަން ދަށްކޮށްފައިވެއެވެ.


