މިއަހަރުގެ ޖެނުއަރީ މަހު ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން ނެރުނު ހަފްތާ ޓޫރިޒަމް އަޕްޑޭޓުގައިވާ ގޮތުން، ޖެނުއަރީ 29 ގެ ނިޔަލަށް ޖުމްލަ 200،241 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 11.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަދަދަކީ ދުވާލަކަށް 6،905 ފަތުރުވެރިންގެ މަގުންނެވެ.
ޖެނުއަރީ 29 ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. މި ޤައުމުން ޖުމްލަ 20،902 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީއިންނެވެ. އެއީ 19،042 ފަތުރުވެރިންނެވެ.
މީގެ އިތުރުން، 50،863 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ހުރިއިރު، 4،907 ފަތުރުވެރިން ހޮޓާތަކުގައި ހުރިކަމަށް ވެއެވެ. އަދި 4،613 ފަތުރުވެރިން ޓޫރިސްޓް އުޅަނދުފަހަރުގައި ހުރިކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.


