Tuesday, 28 July 2026

އިންޑިއާގެ ބުރާރީގައި ހުރި އިމާރާތެއް ވެއްޓި 2 މީހަކު މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގެ އުތުރުގައި ހުރި ބުރާރީ ސަރަޙައްދުގައި 4 ބުރިއަށް އުފުލާފައިވާ އިމާރާތެއް ވެއްޓި،2 މީހުން މަރުވެއްޖެއެވެ. މި ހާދިސާއިން، 12 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

އޮސްކާ ޕަބްލިކް ސްކޫލާ ކައިރީގައި އަލަށް އިމާރާތްކޮށްފައިވާ މި އިމާރާތް ވެއްޓުނީ އިއްޔެ ހަވީރުއެވެ. މިހާތަނަށް 12 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"މިހާތަނަށް 2 މީހުން މަރުވެފައިވާކަން ޔަގީންވެފައިވޭ، އަދި 12 މީހުން ސަލާމަތްކުރެވިފައިވޭ،" ފުލުހުންގެ އޮފިސަރެއް ބުންޏެވެ. އޭނާ އިތުރަށް ބުނީ ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު މީހުން ވެއްޓިފައިވާ ތަކެތީގެ ދަށުގައި ޖެހިފައި ތިބުމުގެ ފުރުސަތު އޮތް ކަމަށެވެ.

އިއްޔެ ރޭ ދިއްލީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ ގާތްގަނޑަކަށް ހަވީރު 7 ޖަހާއިރު ކަމަށެވެ. އެއީ 200 އަކަފޫޓުގެ ސަރަޙައްދެއްގައި އަލަށް އިމާރާތްކޮށްފައިވާ ތަނެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އިތުރު ހާދިސާތައް ހުއްޓުވުމަށްޓަކައި ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށްފައެވެ.

ދިއްލީގެ ވަޒީރުލްއަޢުޡަމް އަތިޝީ ވަނީ އެކްސްގައި، ބުރާރީގައި މި އިމާރާތް ވެއްޓުނު ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާޢި، އަވަހަށް މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *