Tuesday, 28 July 2026

އިސްރާއީލު ބާރުތަކުން ޖެނިންގެ މެއިތަލޫން ރަށަށް އަރައި ހަމަލާދީފި

ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ އިޙްތިލާލު ބާރުތަކުން ޖެނިންގެ ދެކުނު އިރުމަތީގައިވާ މެއިތަލޫން ރަށަށް އަރައި، ގެއެއް ވަށައިލައި، އެ ގެ ކައިރީގައިވާ ސަރަޙައްދަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

އިސްރާއީލުގެ ޚާއްޞަ ބާރުތަކުން އެ ރަށަށް އެރުމާއެކު، އިތުރު އަސްކަރީ ބާރުތައް ވަދެ، ގެއެއް ވަށައިލައި، ރަށުގެ ރައްޔިތުންނާ ކުރިމަތިލާން ވަނީ ފަށާފަވެ. ވަފާއިން ބުނާ ގޮތުގައި އިސްރާއީލު ބާރުތަކުން ވަށައިލެވުނު ގެ ކައިރީގައިވާ ގެތަކުގައި ދިރިއުޅޭ މީހުން ނެރެފައިވެއެވެ.

ފަލަސްޠީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އިން ބުނެފައިވަނީ އިސްރާއީލު ބާރުތަކުން އެ ސޮސައިޓީގެ މެޑިކަލް ޓީމުތަކަށް އަމާޒުކުރެވުނު ސަރަޙައްދަށް ވަނުން މަނާކޮށްފައިވާ ކަމަށެވެ.

ޖެނިން ސަރަޙައްދަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ދަނީ ކުރިއަށެވެ. ޖެނިން ސިޓީއާއި ރެފިއުޖީ ކޭމްޕުގެ އިތުރުން ކައިރި ރަށްތަކާއި ސަރަޙައްދުތަކަށްވެސް ބޮޑެތި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދެއެވެ. މީގެ ތެރޭގައި ބުރްޤިން، ޤަބާޠިޔާ، މެއިތަލޫން އަދި ސިލަތް އަލް-ހާރިތިއްޔާ ހިމެނެއެވެ.

ހުކުރު ދުވަހުގެ ރޭ އިސްރާއީލު އިޙްތިލާލު ބާރުތަކުން ޖެނިންގެ ހުޅަނގުގައިވާ ސިލަތް އަލް-ހާރިތިއްޔާ ރަށުގައިވާ ގެއެއް ވަށައިލައި، ލައުޑްސްޕީކަރުން ގޭގައި ތިބި މީހުންނަށް ނިކުތުމަށް އަމުރުކޮށްފައިވެއެވެ.

ޖެނިން ސިޓީއާއި ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަނީ ހަތަރު ދުވަސް ވަންދެން ކުރިއަށް ގޮސްފައެވެ. މި ހަމަލާތަކުގައި 12 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގެ އަސާސީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *