ސަރުކާރުގެ ހިއްސާވާ ކުންފުނި (އެސްއޯއީ)ތަކުން ލޯނު ނެގުމާއި އިންވެސްޓް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެސްއޯއީތަކުގެ ނަމޫނާ ހިންގާ ގަވާއިދެއް ފާސްކޮށްފިއެވެ.
އިސްލާޙުގައިވާ ގޮތުން ލޯނު ނަގަން ބޭނުންވާ ސަރުކާރު ކުންފުނިތަކުން ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކޮށް، ލޯނު ނެގުމަށް ކުންފުނީގެ ބޯޑުން ނިންމުމަށްފަހު އެކަން ހިއްސާދާރުންގެ ހުއްދައަށް އެދި ފޮނުވަންޖެހޭނެއެވެ. އަދި އެ ހުއްދަ ލިބުމުން، ކުންފުނީގެ ބޯޑުން ލޯނު ނެގުމަށް ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެކަން އަންގަންވާނެ ކަމަށް އުސޫލުގައިވެއެވެ.
މި ގަވާއިދުގައި ކުރިން އޮންނަ ގޮތުން، އެސްއޯއީތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، ލޯން ނެގުމާއި އިންވެސްޓް ކުރުމުގެ ކުރިން ހޯދަންޖެހެނީ ޕީސީބީގެ ހުއްދައެވެ. އަދި ކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ މަސައްކަތަށް ބަލައި، ބޯނަސް ޕޭމެންޓެއް ދެވެން އޮންނަނީ ވެސް ޕީސީބީގެ ހުއްދަ ލިބިގެންނެވެ.
މި އުސޫލަށް ގެނައި އިސްލާހާއެކު، ޕީސީބީގެ ބަދަލުގައި ހޯދަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައެވެ.
މީގެއިތުރުން ކުންފުނި އުފައްދާފައިވާ މަގްސަދާއި ކުންފުނީގެ ރައުސުލްމާލަށް ރިއާޔަތްކޮށް މާލީ ވުޒާރާގެ ލަފަޔާއެކު، ކުންފުނިތައް ގިންތި ކުރަން ވާނީ ޕްރައިވަޓައިޒޭޝަން ބޯޑުން ކަމަށް ވަނީ ނިންމައިފައެވެ. އަދި ޕްރައިވަޓައިޒޭޝަން ބޯޑޫން ކަނޑައަޅާ ގިންތިއަށް ބިނާކޮށް، އަލަށް އުފައްދާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް އިނާޔަތް ދޭންވާނީ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަމަށް ވެސް އޭގައިވެއެވެ.
މި ގައިޑްލައިނަށް އަމަލުކުރަންޖެހޭ ކުންފުނިތަކުން، ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށް ފަހު، ހުއްދަ ހޯދުމަށް ފޮނުވަންޖެހޭނީ ފިނޭންސް މިނިސްޓްރީއަށެވެ. ޕީސީބީން އެދިފައިވަނީ އެހެން ދައުލަތުގެ ވިޔަފާރި ތަންތަނުން ވެސް ލޯނު ނެގުމުގައި މި ގައިޑްލައިނާ އެއްގޮތަށް ހިއްސާދާރުން ހުއްދަ ހޯދުމަށެވެ.


