ގައްޒާގެ މެދުތެރޭގައި ހިމެނޭ ބުރެއިޖް ރެފިއުޖީ ކޭމްޕަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމަށް ބުނެ، އެ ސަރަހައްދު ހުސްކުރުމަށް އިސްރާއީލުގެ ސިފައިން ބުދަ ދުވަހު އަމުރުކޮށްފިއެވެ. މި އަމުރުކޮށްފައިވަނީ 14 މަސްދުވަސް ވެފައިވާ މި ހަނގުރާމައިގައި އިސްރާއީލާއި ހަމާސް ހުއްޓުމަކަށް އައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ގައްޒާއަށް މަރުގެ ހަމަލާތައް އަމާޒުވަމުންދާއިރު، ހަނގުރާމަ ހުއްޓުވައި ރަހީނުން ދޫކޮށްލުމަށް މަސްތަކެއް ވަންދެން މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށިފައިވެއެވެ.
މިހާރު ހުށަހެޅިފައިވާ އެއްބަސްވުމުގައި ހިމެނެނީ 6 ހަފްތާއަށް ހަނގުރާމަ ހުއްޓާލައި، ހަމާސްއިން 30 ރަހީނުން ދޫކޮށްލުމެވެ. މީގެ ތެރޭގައި އިސްރާއީލާއި އެމެރިކާގެ ދެ ގައުމުގެ ރައްޔިތުންކަން ލިބިފައިވާ 3 މީހުން ހިމެނެއެވެ. މީގެ ބަދަލުގައި އިސްރާއީލުން ސަތޭކަ އަދަދެއްގެ ފަލަސްތީނު މީހުން ދޫކޮށްލާނެއެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ މި ހަނގުރާމަ އަވަހަށް ނިންމާލަން ބޭނުންފުޅުވާ ކަމަށެވެ.
ގައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މި ހަނގުރާމައިގައި އިސްރާއީލުގެ ހަމަލާތަކުގައި 45,000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ. މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.


