ކ. މާފުށީގައި ހިންގާ މަޝްހޫރު ގެސްޓްހައުސް ވިޔަފާރިއެއް ކަމަށްވާ "ކާނި ހޮޓެލްސް" އިން ޓެކްސް ނުދައްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ހިމެނެނީ ކާނި ހޮޓެލްސްގެ ނަމުގައި ހިންގާ ހަތަރު ގެސްޓްހައުސްއެކެވެ. އެއީ ކާނި ޕާމް ބީޗް، ކާނި ގްރޭންޑް ސީވިއު، ކާނި ވިލެޖް އަދި ކާނި ބީޗް ހޮޓެލެވެ.
މީރާއިން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވެނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މި ހަތަރު ހޮޓެލުން މީރާއަށް ހުށަހަޅާފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށެވެ. މީރާއިން ބުނާ ގޮތުގައި މިއީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.
މީރާއިން ކުރި ތަޙުޤީޤުގައި ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
1. ހުރިހާ ގެސްޓުންގެ މައުލޫމާތު ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވުން
2. ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި މިނިވަން ދަތުރުވެރިންގެ އާމްދަނީ ރިޕޯޓު ނުކުރުން
3. އެއަރޕޯޓު ޓްރާންސްފަރ، ރެސްޓޯރަންޓް، ސްޕާ އަދި އެކްސްކަރޝަން ފަދަ ޚިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހުށަނޭޅުން
މި މައްސަލައިގައި މީރާއިން ވަނީ "ކާނި ހޮޓެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް" އާއި "އަސްނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" ގެ އިތުރުން، އެ ކުންފުނިތަކުގުންފުނިތަކުގެ ދެ ޑިރެކްޓަރުންކަމަށްވާ އަބްދުﷲ ނަޝީދާއި އާމިނަތު އާސިމާ ސަލީމް އަދި ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ރަޒުނާގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައެވެ.
މީރާއިން ހާމަކުރި ގޮތުގައި ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުން ދައްކާގޮތުން، 13.3 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ (800,000 އެމެރިކާ ޑޮލަރަށްވުރެ ގިނަ) އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އަދި މި ފައިސާ މީރާއަށް ދެއްކުމަށް އެ ކުންފުނިތަކަށް އަންގާފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.


