Tuesday, 28 July 2026

ނަމީބިއާގެ ފުރަތަމަ އަންހެން ރައީސަކަށް ނެޓުމްބޯ ނަންޑި-ންޑައިޓްވާ އިންތިޚާބުވެއްޖެ

ނަމީބިއާގެ އިލެކްޝަން ކޮމިޝަނުން އިއުލާނުކުރި ނަތީޖާތަކުން ދައްކާގޮތުގައި އެ ގައުމުގެ ފުރަތަމަ އަންހެން ރައީސްގެ ގޮތުގައި ނެޓުމްބޯ ނަންޑި-ންޑައިޓްވާ އިންތިޚާބުވެއްޖެއެވެ. 72 އަހަރުގެ ނަންޑި-ންޑައިޓްވާ އަށް ލިބިފައިވަނީ 57 އިންސައްތަ ވޯޓެވެ.

އަންގާރަ ދުވަހު އިލެކްޝަން ކޮމިޝަނުން ނަތީޖާ އިއުލާނުކުރުމާއެކު، ރައީސްކަމަށް އިންތިޚާބުވި ނަންޑި-ންޑައިޓްވާ ވިދާޅުވިގޮތުގައި ނަމީބިއާގެ ރައްޔިތުން ވޯޓުދީފައިވަނީ އަމާންކަމާއި ހަމަޖެހުމަށެވެ.

މި ކާމިޔާބީއާއެކު، 1990 ގައި ދަކުނު އެފްރިކާގެ އަޕާތައިޑް ވެރިކަމުން މިނިވަންވުމަށްފަހު، ނަންޑި-ންޑައިޓްވާގެ ޕާޓީ ކަމުގައިވާ ސައުތު ވެސްޓް އެފްރިކާ ޕީޕަލްސް އޯގަނައިޒޭޝަން (ސްވާޕޯ) ގެ 34 އަހަރުގެ ވެރިކަން ދެމެހެއްޓިގެން ދިޔައެވެ.

މި އިންތިޚާބުގައި ވޯޓު ކަރުދާހުގެ ދަތިކަމާއި އެހެނިހެން މައްސަލަތަކާ ގުޅިގެން ވޯޓުލުން ހޮނިހިރު ދުވަހާ ހަމައަށް އިތުރުކުރަން ޖެހުނެވެ. އަދި ބައެއް ވޯޓު މަރުކަޒުތަކުގައި 12 ގަޑިއިރާ ހަމައަށް ކިއުގައި މަޑުކުރަން ޖެހުމުން ބައެއް މީހުން ވޯޓުނުލާ އެނބުރި ދިޔައެވެ. މިކަމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ނަތީޖާ ބަލައިނުގަނެ، ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ.

މައިގަނޑު އިދިކޮޅު ޕާޓީ އިންޑިޕެންޑެންޓް ޕެޓްރިއަޓްސް ފޯ ޗޭންޖް (އައިޕީސީ) ގެ ކެންޑިޑޭޓު ޕަންޑުލެނީ އިޓުލާ އަށް ލިބިފައިވަނީ 25.5 އިންސައްތަ ވޯޓެވެ.

ނަންޑި-ންޑައިޓްވާ ވަނީ މިދިޔަ ފެބްރުއަރީ މަހު ރައީސް ހޭޖް ގެއިންގޯބް އޮފީހުގައި ހުންނަވަނިކޮށް އަވަހާރަވުމާ ގުޅިގެން ނައިބު ރައީސްކަމަށް ވަޑައިގެންފައެވެ.

އޭނާ ސިޔާސީ މައިދާނަށް ނުކުތީ 1970 ގެ އަހަރުތަކުގައި ގައުމުގެ މިނިވަންކަމަށް ކުރި ސިއްރު މަސައްކަތުގައި ބައިވެރިވެގެންނެވެ. އިނގިރޭސިވިލާތުން އެނބުރި ވަޑައިގެން 1990 ގައި ޕާލިމެންޓަށް ވަދެވަޑައިގަތުމަށްފަހު، އެކި ދާއިރާތަކުގެ ވަޒީރުކަން ކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *