ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ތާއީދުން އިސްލާމާބާދަށް ދިއުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އެއް ފުލުހަކު މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ އިސްވެރިން ބުނެފިއެވެ.
އިމްރާން ޚާނުގެ ސަތޭކަ އަކަށްވުރެ ގިނަ ތާއީދުން ހައްޔަރުކޮށްފައިވާއިރު، އިސްލާމާބާދު ވަނީ ދެ ދުވަހަށް ބަންދުކޮށްފައެވެ. އެކި ތުހުމަތުތަކުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހައްޔަރުކޮށްފައިވާ އިމްރާން ޚާނަށް ޤާނޫނީ މައްސަލަތަކާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް، އޭނާއަށް ލިބިފައިވާ ތާއީދު ވަރަށް ބޮޑެވެ.
އެގޮތުން އިމްރާން ޚާނުގެ އަނބިކަނބަލުން ބުޝްރާ ބީބީ ވަނީ އޭނާގެ ފިރިކަލުން ދޫކޮށްލަންދެން މުޒާހަރާ ކުރިއަށް ގެންދިއުމަށެ ހޯމަ ދުވަހު ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
މި މުޒާހަރާތަކާއި ގުޅިގެން އިސްލާމާބާދުގެ މައި މަރުކަޒު ކަމުގައިވާ ޑީ ޗައުކްއަށް ދާ މަގުތައް މުޒާހަރާކުރާ މީހުން އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ކޮންޓެއިނަރުތަކުން ބަންދުކޮށްފައެވެ. އަދި މަގުމަތީގައި ވަނީ ޤައުމުގެ އެކި ކަންކޮޅުތަކުން ފުލުހުން ގެނެސްފައިވާ ބަސްތައް ބާއްވާފައި ވެއެވެ.
ހަމަނުޖެހުން ކޮންޓްރޯލްކުރާ ޔުނިފޯމުގައި ތިބި ސިފައިން ވަނީ ވޯޓަރ ކެނަނާއެކު ތައްޔާރުވެފައެވެ. ނަމަވެސް ހޯމަ ދުވަހު މުޒާހަރާކުރާ މީހުން އަދި ސިޓީއަށް ނުވަދެވުމާއެކު މާހައުލު ފެންނަނީ މަޑުމައިތިރިކޮށެވެ.
މުޒާހަރާކުރާ މީހުން އަންނަމުންދާކަމުގެ ޚަބަރު ފެތުރެމުންދިޔުމާއެކު، ފުލުހުން ވަނީ އިތުރު މަގުތައް ބަންދުކޮށް، ބައެއް ފުލުހުން ސިޓީތެރޭގައި އެއްތަނުން އަނެއްތަނަށް ބަދަލުކުރަން ފަށާފައެވެ.
މި މުޒާހަރާތަކާއި ގުޅިގެން އިންޓަނެޓް ޚިދުމަތްތައް ހުއްޓާލާފައިވާއިރު، ހަމަނުޖެހުމުގެ ބިރަށް ސްކޫލުތަކާއި ކޮލެޖުތައް ވަނީ ބަންދުކޮށްފައެވެ.


