Tuesday, 28 July 2026

ނެތަންޔާހޫ އާއި ގެލަންޓް ހައްޔަރުކުރުމަށް އަމުރު ނެރެފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގެލަންޓް އަދި ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ މުހައްމަދު ދީފް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިއެވެ. މި އަމުރު ނެރެފައިވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދައުވާގެ ދަށުންނެވެ.

މިއީ ނެތަންޔާހޫ ނުވަތަ އެހެން އިޒްރޭލީ އޮފިޝަލަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ކޯޓަކުން ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. މި ދައުވާ އުފުލާފައިވަނީ ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު އޮންލައިންކޮށް ޝާއިޢުކުރި ނިންމުމެއްގައި، އައި.ސީ.ސީ އިން ނެތަންޔާހޫ، ގެލަންޓް އަދި ހަމާސްގެ ލީޑަރު މުހައްމަދު ދީފްއާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާ އަދި އޭގެ ފަހުން އިޒްރޭލުން ގާޒާގައި ހިންގި ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެންނެވެ. ނަމަވެސް، އިޒްރޭލުން ބުނެފައިވަނީ ދީފް ވަނީ ޖުލައި މަހު މަރާލެވިފައި ކަމަށެވެ. އޭނާ ދިރިހުރިކަން ނުވަތަ ނޫންކަން މިވަގުތު ސާފެއް ނުވެއެވެ.

މި ނިންމުމާ ގުޅިގެން، މި ތިން ފަރާތަކީ މިހާރު ބައިނަލްއަޤްވާމީ ގޮތުން ހޯދަމުންދާ މީހުންނެވެ. އަދި އައި.ސީ.ސީގެ މެމްބަރު ޤައުމުތަކުގެ މައްޗަށް ޤާނޫނީ ގޮތުން އެމީހުން ހައްޔަރުކުރުމުގެ ޒިންމާ އެޅިފައިވެއެވެ.

އިޒްރޭލުގެ އޮފިޝަލުން މިކަމާ ދެކޮޅު ހަދައި، މިއީ ޔަހޫދީންނާ ދެކޮޅު ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.

އޮންލައިންކޮށް ޝާއިޢުކުރި ނިންމުމުގައި، ކޯޓުން ބުނެފައިވަނީ ނެތަންޔާހޫ އާއި ގެލަންޓްއާ ދެކޮޅަށް ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވަނީ "2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން 2024 ވަނަ އަހަރުގެ މޭ 20 އާ ހަމައަށް ހިންގާފައިވާ އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި ހަނގުރާމައިގެ ކުށްތަކާ" ގުޅިގެން ކަމަށެވެ. މީގެ ތެރޭގައި ބަނޑުހައިހޫނުކަން ބޭނުންކުރުމާއި ގަސްތުގައި މެޑިކަލް ފެސިލިޓީތަކަށް އަމާޒުކުރުން ހިމެނެއެވެ.

ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ މޭ މަހު މި ހައްޔަރު ކުރުމުގެ އަމުރުތަކަށް އެދިފައެވެ. ކޯޓުން ބުނެފައިވަނީ ގާޒާގައި ލާއިންސާނީ ބަނޑަހައިހޫނުކަމެއް އުފެއްދުމުގައި ނެތަންޔާހޫ އާއި ގެލަންޓް "ޖިނާއީ ޒިންމާ" އުފުލަންޖެހޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމަށެވެ.

ކޯޓުން މި ދެ ލީޑަރުންނާ ދެކޮޅަށް ތުހުމަތު ކޮށްފައިވަނީ "ބަނޑުހައިހޫނުކަން ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުގައި ގުޅިގެން މަސައްކަތްކުރި" ކަމަށެވެ. މިއީ ހަނގުރާމަ ފެށުނީއްސުރެ ގާޒާ ސްޓްރިޕްއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވަނުން ހުއްޓުވުމަށް އިޒްރޭލުން ގެންގުޅުނު ނިޒާމުތަކާ ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން، އައި.ސީ.ސީ އިން މި ދެ ލީޑަރުންނާ ދެކޮޅަށް "މަރުގެ ކުށް، އަނިޔާވެރިކަން އަދި އެހެނިހެން ލާއިންސާނީ ޢަމަލުތައް ހިންގުމުގެ އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ" ތުހުމަތު ކޮށްފައިވެއެވެ. މިގޮތުން، އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ގަސްތުގައި އަމާޒުކުރުމާއި، ގާޒާއަށް އިންސާނީ އަދި މެޑިކަލް އެހީ ވަނުން ހުއްޓުވުމަށް ކުރި މަސައްކަތްތަކަށް ވެސް އިޝާރާތްކޮށްފައިވެއެވެ.

މި ނިންމުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ނިންމުމެކެވެ. އަދި މިކަމުގެ ސަބަބުން އިޒްރޭލާއި ފަލަސްޠީނުގެ ހަނގުރާމައިގެ މައްސަލައަށް އިތުރު ބުރަދަނެއް ލިބި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން އިތުރަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *