Monday, 26 October 2026
ފޮޓޯ: ސީޓީވީ ނިއުސް

އިންޑިއާގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 36 މީހުން މަރުވެއްޖެ

އިންޑިއާގެ އުއްތަރާކަންޑު ސްޓޭޓުގެ އަލްމޯރާ ޑިސްޓްރިކްޓުގައި އިއްޔ ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 36 މީހުން މަރުވެ، ވިއްސަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގީ ރަނގަޅަށް މަރާމާތު ނުކޮށް، ގިނަ މީހުން އަރުވައިގެން ދުއްވަމުންދިޔަ ބަހެއް މަގުން ނެއްޓި 60 މީޓަރު ފުންމިނުގެ ވާދީއަކަށް ވެއްޓުމުންނެވެ.

ސްޓޭޓު ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ދީޕަކް ރަވަތު ބުނެފައިވަނީ ބަހުގައި ގާތްގަނޑަކަށް 60 މީހުން ތިބިކަމަށެވެ. އަދި މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީމުތައް އެ ސަރަޙައްދަށް ފޮނުވާފައިވާކަމަށް ބުންޏެވެ.

މި އެކްސިޑެންޓުގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ 7 ފަސިންޖަރުންގެ ހާލަތު ވަނީ ނާޒުކު ހާލަތެއްގައި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އުއްތަރާކަންޑު ސްޓޭޓުގެ ޗީފް މިނިސްޓަރ ޕުޝްކަރ ސިންގް ދާމީ ވިދާޅުވެފައިވަނީ އަނިޔާވެފައިވާ ފަސިންޖަރުން އަވަހަށް ކައިރީގައި ހުރި ހޮސްޕިޓަލުތަކަށް ގެންދިއުމަށް އިރުޝާދު ދެވިފައިވާ ކަމަށާއި، ބޮޑަށް އަނިޔާވެފައިވާ މީހުން ވައިގެ މަގުން އުފުލުމަށް އަންގާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސްޓޭޓު ސަރުކާރުން ވަނީ ތަޙުޤީޤެއް ފަށާފައެވެ. އަދި ހާލަތު ދެރަ ބަހެއް ދުއްވުމަށް ހުއްދަދިން ދެ ޓްރާންސްޕޯޓް އޮފިޝަލަކު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

މި ހާދިސާއަކީ އިންޑިއާގައި ހިނގާ ގިނަ މަގުމަތީ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. އިންޑިއާގައި ކޮންމެ އަހަރަކު ސަތޭކަ ހާހުން މީހުން މަގުމަތީ ހާދިސާތަކުގައި މަރުވެ އަދި އަނިޔާވެއެވެ. މިފަދަ ހާދިސާތައް ގިނައިން ހިނގަނީ ފަރުވާކުޑަކޮށް ދުއްވުމާއި، ރަނގަޅަށް މަރާމާތު ނުކުރެވޭ މަގުތަކާއި، ބޭނުންކުރެވޭތާ ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ ސަބަބުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *