މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެވުނު ހުކުރު ޚުޠުބާގައި އަނބިދަރިންނަށް ޚަރަދުކުރުމުގެ މުހިންމުކަމާއި އެއީ ފިރިމީހާގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ވަނީ ފާހަގަކޮށްފައެވެ. ޚުޠުބާގައި ވިދާޅުވިގޮތުގައި މިއީ އިސްލާމްދީނާއި ކީރިތި ރަސޫލާ ﷺ ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ.
ޚުޠުބާގައި އަނބިމީހާ ފުދުންތެރިއަކަށް ވިޔަސް، ފިރިމީހާ އޭނާއަށާއި ދަރިންނަށް ކެއިންބުއިމާއި، އަންނައުނާއި ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނެކަމަށް ބަޔާންކުރެއްވިއެވެ. އަދި އަނބިދަރިންނަށް ރިޒުޤު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ﷲގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު ބޮޑު ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާރަކަށް އައިސް ބައެއް ފިރިން އަނބިދަރިންނަށް ޚަރަދުކުރުމަށް އިހުމާލުވަމުންދާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ވަރިވުމަށްފަހު ދަރިންނަށް ޚަރަދު ނުދީ ފިލައިގެން އުޅޭ މީހުން ގިނަވަމުންދާކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ މިފަދަ ކަންކަމާ ގުޅޭގޮތުން ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަން ހަނދާންކޮށްދެއްވައި، އެފަދައިން އުޅޭ މީހުން ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވެ، ﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.


