ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އިސްރާއީލުގެ ސިފައިންގެ އަތުން މަރުވެއްޖެކަން ހަމާސްއިން ހުކުރު ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.
އެހެންނަމަވެސް، ހަމާސް އިން ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލައި އިސްރާއީލުގެ ސިފައިން އަނބުރާ ނުގެންދާހާ ހިނދަކު، އެއް އަހަރު ކުރިން އިސްރާއީލުން ގެންދިޔަ ރަހީނުން ދޫކޮށްނުލާނެ ކަމަށް ބުނެފައެވެ.
އަނެއްކޮޅުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއިވަނީ ރަހީނުން ދޫކޮށްލަންދެން އިސްރާއީލުގެ ސިފައިން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށާއި، ހަމާސް އަލުން ބާރުގަދަވިޔަ ނުދިނުމަށް ޣައްޒާގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން އިސްރާއިލަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އެހެން ދުނިޔޭގެ ލީޑަރުން ވަނީ ސިންވާރުގެ މަރަކީ ހުއްޓިފައިވާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް އަލުން ފެށުމަށް ބޭނުންކުރަންޖެހޭ މުހިންމު ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑުވެފައެވެ. އަދި 2.3 މިލިއަން މީހުން ދިރިއުޅޭ މި ސަރަހައްދުގެ އާބާދީގެ 90 އިންސައްތަ މީހުން ވަނީ ނުކުމެ ދާންޖެހިފައެވެ. އެ މީހުން ވަނީ ކާނާއާއި، ފެނާއި، ބޭހާއި އަދި ތެޔޮ ހޯދުމަށް ވަރަށް ބޮޑަށް ދަތިވެފައެވެ.
މީގެ އިތުރުން، އިސްރާއީލާއި ލެބަނަންގެ ހިޒްބުއްލާއާ ދެމެދު އޮތް ހަނގުރާމަ ވެސް ވަނީ ހަރުކަށިވެފައެވެ.


