Monday, 26 October 2026

އިސްރާއީލުން ލުބުނާނުގެ އުތުރުގައިވާ ރަށަކަށް ދިން ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

އިސްރާއީލުން ލުބުނާނުގެ ހިޒްބުއްލާ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހޯމަ ދުވަހު އަމާޒުތައް އިތުރުކޮށް، އުތުރުގައި ދިން ވައިގެ ހަމަލާއެއްގައި 21 މީހުން މަރުވެފައިވާކަމަށް ސިއްހީ އޮފިޝަލުން ބުނެފިއެވެ.

މި ވަގުތު މިލިއަނަކަށްވުރެ ގިނަ އިސްރާއީލުގެ ރައްޔިތުން ވަނީ އެ ޤައުމުގެ ބޯޑަރުން އަނެއްފަރާތަށް ދޫކޮށްލެވޭ މިސައިލްތަކުން ސަލާމަތްވުމަށް ރައްކާތެރި ތަންތަނަށް ވަދެފައެވެ.

މިހާތަނަށް ލުބުނާނުގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ އެ ޤައުމުގެ ދެކުނާއި، އިރުމަތީގައިވާ ބެކާ ވެލީ އަދި ބެއިރޫޓްގެ ބޭރު ސަރަހައްދުތަކެވެ.

އައިޓޫ ރަށަށް ދިން ހަމަލާ އަމާޒުވެފައިވަނީ ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ކުއްޔަށް ދީފައިވާ ގެއަކަށްކަމަށް އެ ރަށުގެ މޭޔަރު ޖޯސެފް ޓްރާޑް ބުނެފައިވެއެވެ. މަރުވި މީހުންގެ އިތުރުން 8 މީހުން ވަނީ ޒަޚަމްވެފައިކަމަށް ލެބަނަންގެ ސިއްހީ މިނިސްޓްރީން ބުނެފިއެވެ.

ހޯމަ ދުވަހު ހަމަލާ ދިން ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އެހީތެރިން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ސަރަހައްދުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި އަނދާފައިވާ އުޅަނދުތަކާއި ގަސްތައް ވަނީ ބިންމައްޗަށް ވެއްޓިފައެވެ.

އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގައިވާ 25 ރަށުގެ ރައްޔިތުންނަށް އިސްރާއީލުގެ ބޯޑަރުން 60 ކިލޯމީޓަރު (35 މޭލު) އުތުރުގައި އޮންނަ އަވާލީ ކޯރުގެ އުތުރަށް ހިޖުރަކުރުމަށް އަމުރުކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *