Monday, 26 October 2026

އިސްރާއީލީ ސްނައިޕަރަކު ބަޑިޖަހައި ޒަޙަމްކޮށްލި އަލްޖަޒީރާގެ ނޫސްވެރިޔާގެ ފުރާނަ ސަލާމަތްކުރުމަށް އެހީއަށް އެދިއްޖެ

އަލްޖަޒީރާގެ ކެމެރާމަން ފާދީ އަލްވަހީދީގެ ޞިއްޙީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް ބުނެ، އޭނާއަށް އަވަސް ފަރުވާއެއް ދިނުމަށްޓަކައި ޣައްޒާއިން ބޭރަށް ގެންދިއުމަށް އެހީތެރިވެދިނުމަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް އިލްތިމާސްކޮށްފިއެވެ.

އަލްޖަޒީރާގައި މަސައްކަތްކުރާ ފަލަސްޠީނު ނޫސްވެރިއެއްކަމަށްވާ އަނަސް އައްޝަރީފް އެކްސްގައި ޕޯސްޓްކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފާދީގެ ޞިއްޙީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ޑޮކްޓަރުން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އަވަސް ފަރުވާއެއް ބޭރު ޤައުމަކުން ނުލިބިއްޖެނަމަ، ފާދީގެ ފުރާނައަށް ނުރައްކާވެދާނެކަމަށް އޭނާ ބުނެފައިވެއެވެ.

ފާދީ އަލްވަހީދީއަކީ ނޫސްވެރިއެއްކަން ސާފުކޮށް އެނގޭގޮތަށް ނޫސްވެރިންގެ ޖެކެޓް ލައިގެން ހުއްޓައި، އޭނާގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލީ ސްނައިޕަރަކު ބަޑިޖަހައި ޒަޚަމްކުރި މީހެކެވެ. މިވަގުތު ފާދީ އާއި އެހެން ނޫސްވެރިން ތިބީ އުތުރު ޣައްޒާައްޒާގައި އިސްރާއީލީ ސިފައިންގެ ހިޞާރުގެ ދަށުގައެވެ.

އަނަސް އައްޝަރީފް އޭނާގެ ޕޯސްޓްގައި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކާއި، ނޫސްވެރިންގެ ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކަށް އިލްތިމާސްކޮށްފައިވަނީ ފާދީ ވަގުތުން ޣައްޒާއިން ބޭރަށް ގެންދިއުމަށް އެހީތެރިވެދިނުމަށެވެ. އަދި މިފަދަ އެހީތެރިކަމަކުން ފާދީގެ ފުރާނަ ސަލާމަތްކުރެވިދާނެކަމަށް އޭނާ ބުނެފައިވެއެވެ.

މި އިލްތިމާސްއާ ގުޅިގެން އަދި އެއްވެސް ބައިނަލްއަޤްވާމީ ޖަމިއްޔާއަކުން އިޖާބައެއް ދީފައެއް ނުވެއެވެ. ނަމަވެސް، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޣައްޒާއިން ބޭރަށް ގެންދިއުމަށް ގގިނަ ފަރާތްތަކުން ގޮވާލަމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *