ހުކުރު ދުވަހު އިސްރާއީލުގެ ވައިގެ ހަމަލާއަކުން 2 ލުބުނާނު ސިފައިން މަރުވެ، 3 މީހުންނަށް އަނިޔާވިކަމަށް ލުބުނާނުގެ ސިފައިންގެ ފަރާތުން ބުނެފިއެވެ. މި ހަމަލާދީފައިވަނީ އޭގެ ގަޑިއިރުތަކެއް ކުރިން އިސްރާއީލުގެ ސިފައިންގެ ފަރާތުން ދެކުނު ލުބުނާނުގައި ހުރި އދ. ގެ ސުލްހަވެރިކަން ދެމެހެއްޓުމުގެ މަސައްކަތްތެރިންގެ މައި މަރުކަޒަށް ހަމަލާދީ، ދެ މީހަކު ޒަހަމްކޮށްލުމަށް ފަހުގައެވެ.
އިސްރާއީލާއި އީރާނުގެ ބާރު ލިބިފައިވާ ހިޒްބުއްލާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އެއްކިބާވެ ތިބި ލުބުނާނުގެ ރަސްމީ ސިފައިންނާއި ލުބުނާނުގައި ތިބި އދ. ގެ ސުލްހަވެރިކަން ދެމެހެއްޓުމުގެ މިޝަނަށް ދިމާވި މި ހާދިސާތަކުން ބިރުވެރިކަން އުފެދިފައިވެއެވެ. އެއީ އިސްރާއީލުން ހިޒްބުއްލާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފުޅާކޮށް، މުޅި ޤައުމަށް ބޮޑެތި ވައިގެ ހަމަލާތައް ދެމުންދާ އަދި އިންވެގެންވާ ސަރަހައްދަށް އެއްގަމުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
ބައިރޫތުގެ މެދުތެރޭގައި، ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ ވައިގެ ހަމަލާއަކުން ލުބުނާނުގެ ވެރިރަށުގައި މަދުވެގެން 22 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާއެވެ.
ހިޒްބުއްލާއިން ވޭތުވެދިޔަ އަހަރު ތެރޭގައި އިސްރާއީލަށް ރޮކެޓް ދޫކުރަމުން ގޮސްފައިވަނީ އޮކްޓޯބަރު 7 2023 ވަނަ ދުވަހު ހަމާސްއިން ދެކުނު އިސްރާއީލަށް ދިން ހަމަލާގައި 1،200 މީހުން މަރުވެ، 250 މީހުން ރަހީނުކުރުމާ ގުޅިގެން ޣައްޒާގެ ފަލަސްތީނުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުންނެވެ.
މިކަމުގެ ބަދަލުގައި، އިސްރާއީލުގެ ސިފައިންގެ ފަރާތުން ލުބުނާނުގައި ހުރި ހިޒްބުއްލާގެ އަމާޒުތަކަށް ހަމަލާދީފައިވެއެވެ. މިގޮތުން ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި 2،237 އަށްވުރެ ގިނަ ލުބުނާނު މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ހިޒްބުއްލާގެ ހަނގުރާމަވެރިންނާއި، އާންމު ރައްޔިތުންނާއި، މެޑިކަލް މުވައްޒަފުން ހިމެނެއެވެ.


