ޕާކިސްތާނުގެ ދެކުނު ޕަންޖާބު ޕްރޮވިންސްގެ ފެންބޮޑުވެފައިވާ ސަރަހައްދުން މީހުން ސަލާމަތްކުރުމަށް ދުއްވަމުންދިޔަ އުޅަނދެއް ބަންޑުންޖަހާލައި، 5 މީހުން މަރުވެ، 12 އަށްވުރެ ގިނަ މީހުން ސަލާމަތްކުރަން ޖެހިއްޖެއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތު ދީފައިވާ ގޮތުގައި މަލްޓަން ޑިސްޓްރިކްޓްގައި ހޮނިހިރު ދުވަހު މި އުޅަނދު ބަންޑުންޖެހުނީ ވަރުގަދަ އޮއެގަނޑެއްގައި ޖެހުމުގެ ސަބަބުންނެވެ. ނަމަވެސް އުޅަނދުގައި ތިބި ގިނަ މީހުން ވަނީ ސަލާމަތްކުރެވިފައެވެ.
ޕަންޖާބު ރިލީފް ކޮމިޝަނަރު ނަބީލް ޖާވެދް ހިއްސާކުރި މައުލޫމާތުތަކުން ދައްކާގޮތުގައި ރާވީ، ސަޓްލެޖް އަދި ޗެނާބް ކޯރުތަކުން ފެންބޮޑުވުމުގެ ސަބަބުން 4,100 އަށްވުރެ ގިނަ ރަށަށް އަސަރުކޮށް، 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
އިންސާނުންނާއި ޖަނަވާރުތައް ރައްކާތެރިކުރުމަށްޓަކައި އޮތޯރިޓީތަކުން ވަނީ 423 ރިލީފް ކޭމްޕާއި، 512 މެޑިކަލް ފެސިލިޓީ އަދި 432 ވެޓެރިނަރީ ޕޯސްޓް ޤާއިމްކޮށްފައެވެ. މީގެ އިތުރުން 1.5 މިލިއަނަށްވުރެ ގިނަ ޖަނަވާރު ވަނީ އެހެން ތަންތަނަށް ބަދަލުކުރެވިފައެވެ.
ޔުނައިޓެޑް ނޭޝަންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހުން ފެށިގެން ޕާކިސްތާނުގައި މޫސުމީ ވާރޭގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގައި 900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިއަހަރު ޕާކިސްތާނުގައި މޫސުމީ ވާރޭ އިތުރަށް ގޯސްވެފައިވާކަމަށް އައު ދިރާސާއަކުން ދައްކައެވެ.


