Tuesday, 28 July 2026

އިސްރާއީލާ ކުރިމަތިލުމަށް ބާރުތަކެއް ނުފޮނުވާނެ ކަމަށް އީރާނުން ބުނެފި

އިސްރާއީލުގެ ހަމަލާތައް ސަރަޙައްދުގައި ތިބި އެ ޤައުމުގެ އެކުވެރިންނަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، ލުބުނާނަށް ނުވަތަ ޣައްޒާއަށް އިސްރާއީލާ ކުރިމަތިލުމަށް ބާރުތަކެއް ނުފޮނުވާނެ ކަމަށް އީރާނުގެ ޚާރިޖިއްޔާއިން ހޯމަ ދުވަހު ބުނެފިއެވެ.

"އިސްލާމީ ޖުމްހޫރިއްޔާ އީރާނުން އިތުރު ނުވަތަ ރަޙުމަތްތެރި ބާރުތަކެއް ފޮނުވަން ޖެހޭނެ ކަމަކަށް ނުދެކެން"  ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަނާނީ ބުނެފައިވެއެވެ.

އަދި އޭނާ އިތުރަށް ބުނެފައިވަނީ ލުބުނާނާއި ފަލަސްޠީނަށް ސަރަޙައްދުގެ ހަނގުރާމަވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް އަމިއްލައަށް ދިފާޢުވުމުގެ ޤާބިލުކަމާއި ބާރު ލިބިގެންވާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ވަނީ ލުބުނާނަށް ހަރުކަށި ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ "އެކްސިސް އޮފް ރެސިސްޓަންސް" ގެ ނަމުން މަޝްހޫރު، އީރާނާ ގުޅުންހުރި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ވިއުގައަކަށެވެ. މި ވިއުގައިގައި ސީރިއާ، ޔަމަން އަދި އިރާޤުގެ ޖަމާޢަތްތައްވެސް ހިމެނެއެވެ.

ހުކުރު ދުވަހު ބައިރޫތުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތްް ޙިޒްބުއްލާގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ މަރުވެފައިވެއެވެ. ޙިޒްބުއްލާއަކީ އީރާނުން އަހަރުތަކެއް ވަންދެން ހަތިޔާރު ދީ، މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައި ޖަމާޢަތެކެވެ.

"އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް މިކަމާ ގުޅޭ އެދުމެއް ލިބިފައެއް ނުވޭ. އޭގެ ބަދަލުގައި، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދި ޔަޤީންކަން އޮތް ގޮތުގައި އެމީހުންނަށް އަޅުގަނޑުމެންގެ ބާރުތަކުގެ އެހީތެރިކަމެއް ބޭނުމެއް ނުވޭ." ކަނާނީ ޓެހުރާނުގައި ނޫސްވެރިންނަށް ބުނެފައިވެއެވެ.

ހޯމަ ދުވަހު، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވަނީ ނަޞްރުއްލާއަށް އިޙްތިރާމް އަދާކުރުމަށް ޓެހުރާނުގައި ހުރި ޙިޒްބުއްލާގެ އޮފީހަށް ޒިޔާރަތްކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *