ތުރުކީ މައި އިދިކޮޅު ޕާޓީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީ.އެޗް.ޕީ) އިން 21 ސެޕްޓެމްބަރުގައި އެކްސްޓްރާއޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިންމައިފިއެވެ. މިހެން ނިންމާފައިވަނީ އެ ޕާޓީގެ އިސްތަމްބޫލް ލީޑަރޝިޕް ސިޔާސީ ބޭނުމަށް ކަމަށް ބުނެ ކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ.
މި ހަފްތާގެ ކުރީކޮޅު، ކޯޓުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ޕާޓީގެ އިސްތަމްބޫލް ޕްރޮވިންޝަލް ކޮންގްރެސްގެ ނަތީޖާތައް ބާތިލުކޮށް، ޕްރޮވިންޝަލް ލީޑަރު އޮޒްގުރު ސެލިކް އާއި އިތުރު 195 އޮފިޝަލުން މަޤާމުން ވަކިކޮށްފައެވެ. 45 ވަނަ ސިވިލް ކޯޓް އޮފް ފަސްޓް އިންސްޓަންސްއިން ބުނި ގޮތުގައި ކޮންގްރެސްގައި ހިނގި އިރެގިއުލަރިޓީތަކުގެ ތުހުމަތުތައް ވަނީ ގާތްގަނޑަކަށް ސާބިތު ވެފައެވެ.
ކޯޓުން ވަނީ ލީޑަރޝިޕް ބަދަލުކުރުމަށް ފަސް މެންބަރުންގެ ޓީމެއް އައްޔަންކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ކުރީގެ އެމް.ޕީ ގުރްސެލް ޓެކިން ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޤައުމީ ލީޑަރޝިޕްގެ ބަދަލާ ގުޅިގެން އިސްތިއުފާ ދީފައެވެ. މި ރޫލިންގގެ ޚަބަރާ ގުޅިގެން ޓަރކީގެ ސްޓޮކް މާކެޓް ވަނީ 5.5 ޕަސެންޓް ދަށަށް ގޮސްފައެވެ.
ސީ.އެޗް.ޕީގެ ލީޑަރު އޮޒްގުރު އޮޒެލް އާއި އޭނާގެ އެކުވެރިންނާ ދެކޮޅަށްވެސް މިފަދަ ޤާނޫނީ މައްސަލައެއް ހިނގަމުންދާއިރު، އެ މައްސަލައިގެ އަޑުއެހުން އަންކާރާގައި 15 ސެޕްޓެމްބަރުގައި ކުރިއަށްދާނެއެވެ. ޓަރކީގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމުގައިވާ ސީ.އެޗް.ޕީން ވަނީ ޕްރެޒިޑެންޓް ރެސެޕް ޓައިޔިޕް އަރްދޯއާން އާއި ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) އިން 2024 ވަނަ އަހަރުގެ ލޯކަލް އިންތިޚާބުތަކުގައި އެ ޕާޓީން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީގެ ސަބަބުން އެ ޕާޓީއަށް އަމާޒުކޮށް މިފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
އަރްދޯއާންއާ ވާދަކުރެވިދާނެ ކަމަށް ބެލެވޭ މަޤްބޫލު އިދިކޮޅު ލީޑަރެއް ކަމަށްވާ އިސްތަމްބޫލްގެ މޭޔަރު އެކްރެމް އިމަމްއޯލު ވަނީ 19 މާރިޗުގައި ހައްޔަރުކޮށްފައެވެ. އަދި އޭގެ ފަހުން ސީ.އެޗް.ޕީގެ އެތައް މޭޔަރުންނަކާއި، އޮފިޝަލުންނާއި، ސިޔާސީ ފަރާތްތަކެއް ވަނީ ހައްޔަރުކޮށްފައެވެ. މި ހައްޔަރުކުރުންތަކާ ގުޅިގެން އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން، އަދި ސީ.އެޗް.ޕީއާ ގުޅުމެއް ނެތް ފަރާތްތަކުންވެސް މަގުމަތީގައި އިހުތިޖާޖުކޮށް ރެލީތައް ބާއްވަމުންދެއެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ 2,000 އާ ގާތްކުރާ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް، އޭގެ ގިނަ ބަޔަކު ވަނީ ދޫކޮށްލާފައެވެ.


