ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 148 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ނޭޕާލްގެ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނާ ގޮތުގައި ވެރިރަށް ކަތުމަންޑޫގެ ވަށައިގެންވާ ވާދީގައި ދެ ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ފަހުން އާދީއްތަ ދުވަހު ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. މިހާތަނަށް ގާތްގަނޑަކަށް 3،600 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
މަރުވި މީހުންގެތެރޭގައި ފެންބޮޑުވުމުން ސަލާމަތްވުމަށް "އެއް ފުރާޅުން އަނެއް ފުރާޅަށް ފުންމާލީ" ގިނަ ބަޔަކުވެސް ހިމެނެއެވެ.
ނޭޕާލަށް އަންގާރަ ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އާދީއްތަ ދުވަހު ވެސް ބައެއް ލުއިތައް ލިބޭނެ ކަމުގެ ނިޝާންތައް ވަނީ ފެނިފަ އެވެ. ނަމަވެސް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކަތުމަންޑޫ ކައިރީގައި އޮންނަ ޕްރިތުވީ ހައިވޭގައި ބިންގަނޑު ކަނޑައިގެން ގޮސް ވަޅުލާފައިވާ ވެހިކަލްތަކުގެ ތެރެއިން 35 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނޭޕާލްގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ސާޗް އެންޑް ރެސްކިއު ގެ މަސައްކަތުގެ ދަށުން 10،000 ފުލުހުންގެ އިތުރުން ވޮލަންޓިއަރުންނާއި އަސްކަރިއްޔާގެ ބައެއް މީހުން ވަނީ މޮބިލައިޒްކޮށްފަ އެވެ.
ނޭޕާލް ސަރުކާރުން ވަނީ ބޭކާރު ދަތުރުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށް ކަތަމަންޑޫ ވާދީގައި ރޭގަނޑު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާއިރު އެތެރޭގެ ގިނަ ފްލައިޓްތައް ޑިލޭވުން ނުވަތަ ކެންސަލް ވެސް ކުރި އެވެ.
މޫސުމީ މޫސުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ނޭޕާލަށް ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދެއެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިއްސާރައިގެ ހާދިސާތައް އިތުރަށް ގަދަވަމުން އަންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ.


