ހުކުރު ދުވަހުގެ ރޭ، ހަނގުރާމައިގެ ތެރޭގައިވާ ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލު ސިފައިންގެ ދިން ބޮމުގެ ހަމަލާތަކުގައި 9 މީހުން ޝަހީދުވެފައިވާކަމަށް މަޞްދަރުތަކާއި މެޑިކަލް އެހީތެރިން ބުނެފިއެވެ.
އެފަރާތްތަކުން ބުނިގޮތުގައި، ދެކުނު ޣައްޒާގެ ޚާން ޔޫނިސްގެ އިރުމަތީގައިވާ އަލް-ފަޚާރީ ރަށުގައި ހުރި އަވާދު ޢާއިލާގެ ގެއަކަށް އިސްރާއީލު އާޓިލަރީން ހަމަލާދިނުމުގެ ސަބަބުން ދެ ކުޑަކުދިން ޝަހީދުވެފައިވެއެވެ.
އަދި ހަމައެއާއެކު، ދެކުނު ޣައްޒާގެ ރަފާގެ ހުޅަނގުގައިވާ އަލް-މަވާސީ ސަރަޙައްދުގައި ހުރި ގެއަކަށް އިސްރާއީލު ހަނގުރާމަ ވައިގެ އުޅަނދުތަކުން ހަމަލާދިނުމުގެ ސަބަބުން 3 އާންމު ރައްޔިތުން ޝަހީދުވެފައިވެއެވެ. އަދި މެދު ޣައްޒާގައިވާ ނުސައިރާތު ރެފިއުޖީ ކޭމްޕުގެ ހުޅަނގު ސަރަޙައްދަކަށް ހަނގުރާމަ ވައިގެ އުޅަނދުތަކުން ހަމަލާދިނުމުގެ ސަބަބުން 4 އާންމު ރައްޔިތުންޝަހީދުވެ، އެއް ކުޑަކުއްޖަކަށް އަނިޔާވެފައިވެއެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ރަފާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމަށް ޤާނޫނީގޮތުން ލާޒިމުކުރާ އަމުރެއް ނެރުމަށްފަހުވެސް، އިސްރާއީލުން ވަނީ ޣައްޒާއަށް ދެމުންގެންދާ ނަސްލު ހަލާކުކުރުމުގެ ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ. މި އަމުރުގައި ބުނެފައިވަނީ އިސްރާއީލުން ރަފާގައި ހިންގަމުންދާ ހަރަކާތްތަކަކީ ނަސްލު ހަލާކުކުރުމުގެ މުޢާހަދާގެ ދަށުން އެ ޤައުމުގެ މައްޗަށް އޮތް ޒިންމާތަކާ ޚިލާފު ކަންތައްތަކެއް ކަމުގައި ވެދާނެކަމަށެވެ.
އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ވަނީ މިހާތަނަށް މަދުވެގެން 41,534 ފަލަސްތީނު މީހުން ޝަހީދުކޮށް، 96,092 އަކަށްވުރެ ގިނަ މީހުންނަށް ޒަޙަމްކޮށްލާފައެވެ.


