Monday, 26 October 2026

ގްލޯބަލް ސުމޫދު ފްލޮޓިލާގައި ހިމެނޭ ދެ އުޅަނދެއްގެ މުވާސަލާތީ ނިޒާމަށް އިސްރާއީލުން ގެއްލުންދީފި

އިސްރާއީލްގެ އަސްކަރީ އުޅަނދަކުން ގްލޯބަލް ސުމޫދު ފްލޮޓިލާގެ ދެ އުޅަނދެއްގެ މުވާސަލާތީ ނިޒާމަށް ގެއްލުން ދީފައިވާ ކަމަށް ސުމޫދު ސްޓިއަރިންގ ކޮމިޓީގެ މެންބަރު އަދި ބްރެޒިލްގެ އެކްޓިވިސްޓް ތިއާގޯ އަވިލާ ވިދާޅުވެއްޖެއެވެ.

އިސްރާއިލުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ހިސާރު ނައްތާލައި އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ މި ފްލޯޓިލާގައި 50 އުޅަނދެއް ހިމެނެއެވެ. މި އުޅަނދުތަކުގައި ދުނިޔޭގެ 44 ޤައުމަކުން ހާހަކަށްވުރެ ގިނަ އިންސާނީ އެހީތެރިން ދަނީ ދަތުރުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަވިލާ ވިދާޅުވެފައިވަނީ އިސްރާއީލްގެ އަސްކަރީ އުޅަނދެއް ފްލޮޓިލާގެ އުޅަނދުތަކާ ކުރިމަތިލައި، ބިރުދެއްކުމުގެ ގޮތުން އުޅަނދުގެ މުވާސަލާތީ ނިޒާމުތަކަށް ގެއްލުންދީ، އަދި ފްލޮޓިލާގެ އިސް އުޅަނދުތައް ކަމުގައިވާ އަލްމާ އަދި ސިރިއުސްގެ ވަށައިގެން ނުރައްކާތެރި ގޮތަކަށް ދުއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަވިލާ ވިދާޅުވެފައިވަނީ އިލެކްޓްރޯނިކް ވަސީލަތްތަކަށް ލިބުނު ގެއްލުމުގެ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި، އަދިވެސް ކުރިއަށް ދަތުރު ކުރަމުންދާ ކަމަށެވެ.

މި ހާދިސާއަކީ ޣައްޒާއަށް އިންސާނީ އެހީ ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް ހާދިސާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *