Tuesday, 28 July 2026

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލެވި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުޒާހަރާގެ ބައިވެރިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެފައި ވަނިކޮށް އެގައުމުގެ ޒަމާންވީ ލީޑަރު ފިއްލަވަން އަސްކަރީ ހެލިކޮޕްޓަރަކަށް އަރާފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

މުޒާހަރާގެ އެތައް ހާސް ބަޔަކު ވަނީ ކާފިއުއާ ހިލާފަށް ވެރިރަށުގެ މަގުތަކުގައި ހިނގާލުމަށްފަހު، ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެފަ އެވެ. އެގޮތުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް މީހުން ދުވެފައި ގޮސް އުފާފާޅުކުރަމުންދާ މަންޒަރުތައް ފެނެ އެވެ.

އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހަތިޔާރު އެޅި އުޅަނދުތަކާއެކު ސިފައިންނާއި ފުލުހުން ވަނީ ހަސީނާގެ އޮފީހަށް ވަންނަ މަގުތައް ބެރިކޭޑް ކޮށްފަ އެވެ.

ހަތަރު ލައްކަ އެއްހާ މީހުން މަގުމަތީގައި ތިބި ކަމަށް އެގައުމުގެ މީޑިއާތަކުން އަންދާޒާ ކުރި ނަމަވެސް އެއީ ޔަގީން އަދަދެއް ނޫނެވެ.

މިކަން ހިނގާފައި މިވަނީ ބަންގްލަދޭޝްގައި އިއްޔެ ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި 98 މީހުން މަރުވުމާ ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ވަކަރު-އުޒް-ޒަމާން ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ސިވިލް ސަރވިސްގެ ވަޒީފާގެ ކޯޓާއާ ދެކޮޅަށް މިދިޔަ މަހު ފެށި އެއްވުންތައް ބޮޑުވަޒީރު ހަސީނާގެ 15 އަހަރުގެ ވެރިކަމުގެ އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކަށް ބަދަލުވެ، އުމުރުން 76 އަހަރުގެ ހަސީނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ގިނަ ބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *