ފަލަސްޠީނުގެ ޣައްޒާގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީ ދައުލަތާއި ޙަމާސް ޖަމާޢަތުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތްޕުޅުން ވުޖޫދަށް އައިސްފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން، ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އެންމެހައި ޔަހޫދީ އަސީރުން މިނިވަންކޮށް، މަރުވެފައިވާ ޔަހޫދީ އަސީރުންގެ ހަށިތައް ޔަހޫދީ ދައުލަތާ ޙަވާލުކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މީގެ އިތުރުން، ޔަހޫދީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 1,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން މިނިވަންކުރުމަށް ޔަހޫދީ ދައުލަތުން ވަނީ އެއްބަސްވެފައެވެ.
20 މާއްދާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ނުކުތާއަކީ ޣައްޒާއިން ޔަހޫދީ ފައުޖުތައް ފައިބަންޖެހުމެވެ. މިއީ މި ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާކަމަށް ދެފަރާތުންވެސް ވަނީ ހާމަކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ފެށުނު މި އަނިޔާވެރި ހަނގުރާމައިގައި 67,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި ހަނގުރާމައިގައި 158,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ގިނަ އަދަދެއްގެ އިމާރާތްތަކާއި ވަސީލަތްތައް ވަނީ ވީރާނާވެފައެވެ. މި އެއްބަސްވުމާއެކު ޣައްޒާގެ ރައްޔިތުންނަށް އައު އުންމީދެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.


