Tuesday, 28 July 2026

ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، މިއީ ދުނިޔޭގެ އެހެން ސިޓީތަކުގައި ވެސް ގާއިމް ކޮށްފައިވާ ފަދައިން އެތަނަށް ޒިޔާރަތް ކުރާ އާއިލާތަކަށާއި ފަރާތްތަކަށް ހިތްގައިމު މާހައުލެއް ގާއިމް ކޮށްދިނުމުގެ މަގްސަދުގައި ހުޅުވާލި ފުރުސަތެއް ކަމަށެވެ.

އެޗްޑީސީން ބުނީ ފުޑް ޓްރަކް ހިންގަން ހަވާލުކުރާނީ ވަކި ރޭޓަކަށް ކަނޑައަޅާފައިވާ ފީއަކަށް ކަމަށެވެ. އަދި އެއް ހުށަހެޅުމަށްވުރެ ގިނައިން ފުޑް ޓްރަކް ހިންގަން ހުށަހަޅައިފިނަމަ އެޗްޑީސީން ބަލާނީ އެ ކޯޕަރޭޝަންގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ހިދުމަތް ދެވޭނެ ބަޔަކު ކަނޑައެޅުމަށް ކަމަށް ބުނެފައިވެ އެވެ.

ފުޑް ޓްރަކްގެ ހިދުމަތް ދިނުމަށް އެޗްޑީސީން ހުޅުމާލޭ ފޭސް އެކަކުން 12 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެއީ:

ފެރީ ޓާމިނަލް
އެސްޓީއޯ ހޮޓެލް ސަރަހައްދު
ސެންޓްރަލް ޕާކް
އެޗްޑީސީ, ހެޑް އޮފީސް
ފަހިވެނި, ކޮމިއުނިޓީ ސެންޓަރު
ފެހިރެސް ޕާކް
ރެހެންދި ސްކޫލް
ރުއްގަނޑު އެކެއް
ރުއްގަނޑު ދޭއް
ރެޑްބުލް ޕާކް
ފުޓްބޯލް ސްޓޭޑިއަމް ސަރަހައްދު
ވޯޓާ ތީމް ޕާކް

އަދި ފޭސް ދެއަކުން 8 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެއީ:

ސްޕޯޓްސް ޑިސްޓްރެކްޓް
ފަރުކޮޅުފުށި
ގްރޭންޑް މޮސްކު
ކްރިކެޓް ސްޓޭޑިއަމް
އާބަން އައިސިލް – އައިކޮނިކް ޓަވަރު
ހިޔާ ޕާކް
ނޮލެޖް ޕާކް
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް

އެ ޓްރަކްތަކުން ހިދުމަތް ދޭން ޖެހެނީ އެޗްޑީސީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި, އެ ޓްރަކަކުން ފޯރުކޮށްދޭ ކާބޯތަކެއްޗަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭ އެއްޗެއްސަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީްނ ބުނެފައިވެ އެވެ.

ޓްރަކްތައް އޮޕަރޭޓު ކުރަން ހާއްސަ ގައިޑްލައިނެއް ކަނޑައަޅާފައިވާއިރު އެ ގައިޑްލައިންތަކާ ހިލާފުވާ ޓްރަކްތައް 5,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *