ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ކާނި ހޮޓެލްސް އަށް ހަތަރު މަހުން 4.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 772،651 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރެއިން 16،355 (%2.12) ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ކާނި ހޮޓެލްސް ޗެއިން އިން ކ. މާފުށީގައި ހިންގާ ހަތަރު ގެސްޓްހައުސްއަށެވެ.
ކާނި ހޮޓާގެ ޗެއިންސްގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން އައީ ކާނީ ޕާމް ބީޗަށެވެ. އެ ގެސްޓްހައުސް އަށް 9،784 ޓޫރިސްޓުން ދިޔައިރު ކާނި ގްރޭންޑް ސީވިއު އަށް 4،313 ޓޫރިސްޓުން ވަނީ ގޮސްފައެވެ. އަދި ކާނި ބީޗަށް 1،672 ޓޫރިސްޓުން ދިޔައިރު ކާނި ވިލެޖަށް 1،172 ޓޫރިސްޓުން ދިޔަ އެވެ.
ކާނި ހޮޓެލްސްއަކީ މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ.
މާފުށީގައި ކާނި ހޮޓެލްސް އިން ހިންގަމުން އަންނަ ފަސް ގެސްޓްހައުސްގެ ތެރެއިން ކާނި ޕާމް ބީޗަކީ 256 އެނދުގެ ގެސްޓް ހައުސްއެކެވެ. ކާނި ގްރޭންޑް ސީވިއުއަކީ 130 އެނދުގެ ގެސްޓްހައުސްއެކެވެ. ކާނި ވިލެޖްގައި 46 އެނދު ހުންނަ އިރު ކާނި ބީޗުގައި މިހާރު ހުންނަނީ 38 އެނދެވެ. އަދި ކާނި ލޮޖްގައި 24 އެނދު ހުރެއެވެ.
އެ ހޮޓަލުގެ ދަށުން އއ. އުކުޅަހުގައިވެސް އަންނަނީ 350 އެނދުގެ ހޮޓަލެއް އަޅަމުންނެވެ.


