Tuesday, 28 July 2026

ޣައްޒާގެ އަލްމަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި 70 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގެ އަލް މަޣާޒީ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 70 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ މި ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މީހުން ތޮއްޖެހިފައިވާ އަލްމަޣާޒީ ކޭމްޕުގައި ހިންގަމުންދަނީ ލާއިންސާނީ ޖަރީމާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ހަމަލާގައި އިތުރު އެތައް ބަޔަކު ޒަހަމްވެ، އެތައް ގެތަކެއް ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ހަމަލާ ޓާގެޓް ކުރީ އަހަރެމެން އެންމެންނަށް" އަންހެން ދަރިފުޅާއި ދައްތަ ގެ އިތުރުން އާއިލާގެ އެތައް ބަޔަކު ގެއްލުނު އަހްމަދު ތުރުކްމާނީ ބުންޏެވެ. އޭނާ ބުނިގޮތުގައި ކޮންމެ ގޮތެއް ވިޔަސް ޣައްޒާގައި އަމާން ތަނެއް ނެތެވެ.

އަލްމަޣާޒީ ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ މެދުގައި އެންމެ އާބާދީ ބޮޑު އެއް ސަރަހައްދެވެ. މިއީ އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން ޣައްޒާގައި ތިބި ފަލަސްތީނު މީހުން ހުސްކުރުމަށް އަންގާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ރިޕޯޓްތައް ބުނާގޮތުން މިހަމަލާގައި ވެސް އެންމެ ގިނައިން މަރުވެފައިވަނީ އާންމުންގެ މީހުންނެވެ. އޭގެތެރޭގައި ދެ ހަފްތާ ނުވާ ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ.

އަލްމަޣާޒީ ކޭމްޕަށް މިދިޔަ މަހުވެސް ހަމަލާދީ ފަލަސްތީނުގެ 50 މީހަކު ޝަހީދުކޮށްލާފައި ވެއެވެ. މިދިޔަ ހަފުތާގައި އިސްރޭލުންވަނީ ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވެސް ހަމަލާދީފަ އެވެ.

ކޭމްޕްގެ ވަށައިގެންވާ ސަރަހައްދުތަކަށް ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.

މި ކޭމްޕަށް އެންމެ ކައިރީގައި އޮންނަ ހޮސްޕިޓަލަކީ އަލްއަޤްޞާ ހޮސްޕިޓަލް އެވެ. އެހެންނަމަވެސް، އިޒްރޭލުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ބޮން އަޅައި، ފަލަސްތީނުގެ 20،400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ގެދޮރު ގެއްލުވާލުމުން، މުޅި ޣައްޒާގެ ޞިއްޙީ މަރުކަޒުތައް ވަނީ ބޮއްސުންލާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *