ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، މޮސްކޯ އާއި ބެއިޖިންގެ ގުޅުން ބަދަހިވަމުން ދިއުމަކީ ދުނިޔޭގެ މަސްރަހުގައި އޮތް ހަމަޖެހުން ގާއިމުކޮށްދޭ ބާރެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
އަންގާރަ ދުވަހު ފެއްޓެވުމަށް ހަމަޖެހިފައިވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ކުރިން ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވީ، މޮސްކޯ އާއި ބެއިޖިން އިން އެހެން އެއްވެސް ގައުމަކާ ދެކޮޅަށް މަސައްކަތް ކުރަން ބޭނުންނުވާ ކަމަށާއި، ނަމަވެސް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަނީ ސުލްހަ އާއި އާންމު ފާގަތިކަމަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރުގެ އުސޫލުތައް ދެމެހެއްޓުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕޫޓިން ފާހަގަކުރެއްވި ގޮތުގައި މޮސްކޯ އާއި ބެއިޖިންގެ ގުޅުން މިހާރު ވަނީ މީގެ ކުރިން ދުވަހަކުވެސް ބަދަހިނުވާ މިންވަރަށް ކުރިއަރާފައެވެ. ދެ ގައުމުން ވެސް އަންނަނީ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރަމުންނެވެ. ޚާއްސަކޮށް ގައުމުގެ އިސްތިގުލާލާއި ގައުމީ އެއްބައިވަންތަކަން ހިމާޔަތްކުރުން ފަދަ އަސާސީ ކަންކަމުގައި ދެ ގައުމުން އެކަކު އަނެކަކަށް ފުރިހަމައަށް އެއްބާރުލުން ދޭކަމަށް ޕޫޓިން ވިދާޅުވިއެވެ.
މި ސަމިޓަކީ އެމެރިކާގެ ބާރު ދުނިޔޭގައި ކުޑަކުރުމަށް ރަޝިޔާ އާއި ޗައިނާ އިން ކުރާ މަސައްކަތުގެ ތެރެއިން ބޭއްވޭ މުހިންމު ބައްދަލުވުމެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ. 2020 އިން 2024 އަށް ރަޝިޔާ އާއި ޗައިނާގެ ވިޔަފާރީގެ މުއާމަލާތްތައް ދެގުނައަށް އިތުރުވެ، 245 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ރަޝިޔާ އިން ޗައިނާއަށް އެކްސްޕޯޓްކުރާ ތެލާއި ގޭސް ހިމެނޭއިރު، މިއީ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އިގްތިސާދަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ.
އޮސްޓްރޭލިއާގެ ޔޫއެންއެސްޑަބްލިއުގެ ސީނިއާ ލެކްޗަރާ އެލެގްޒެންޑަރ ކޮރޮލޭވް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުން ހާމަވަނީ ހުޅަނގުގެ ފިއްތުންތަކާ އެކުވެސް ރަޝިޔާއަށް މުހިންމު އިގްތިސާދީ ބައިވެރިން އެބަތިބިކަމެވެ. އަދި ޗައިނާގެ ޚާރިޖީ ސިޔާސަތަކީ އެހެން ބައެއްގެ ނުފޫޒުން ބައްޓަންވާ އެއްޗެއް ނޫންކަންވެސް މި ދަތުރުފުޅުން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.


