ހޮރްމުޒް ކަނޑުއޮޅީގައި ދެކުނު ކޮރެއާގެ މުދާ އުފުލާ އުޅަނދަކަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ރަސްމީކޮށް ކަށަވަރުވުމުން، ހަރުކަށި ހާރިޖީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ދެކުނު ކޮރެއާ ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ޔޮންހަޕް ނިއުސް އެޖެންސީން ނެރުނު ރިޕޯޓެއްގައެވެ.
ޔޮންހަޕް ނިއުސް އެޖެންސީން ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، މި ހަމަލާގެ ފަހަތުގައި އީރާން ފިޔަވައި އެހެން ފަރާތެއް އޮތުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. މި ހަމަލާ ދީފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގައި މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައެވެ.
ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ޓެކްނިކަލް އެނަލިސިސް ޓީމެއް މިހާރު ވަނީ ދުބާއީއަށް ފޮނުވާފައެވެ. މި ޓީމުން ބަލާނީ މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހު ހިނގި މި ހާދިސާގެ އަސްލު ދެނެގަތުމަށެވެ.
ހަމަލާގެ ޝިކާރައަކަށްވި 'އެޗްއެމްއެމް ނާމޫ' އަކީ ޕެނަމާގެ ދިދަ ޖަހާފައިވާ، ނަމަވެސް ދެކުނު ކޮރެއާއިން އޮޕަރޭޓްކުރާ އުޅަނދެކެވެ. މި ހާދިސާގައި އުޅަނދުގައި އެއްޗެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
ދެކުނު ކޮރެއާ ސަރުކާރުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. ތަހުގީގު ޓީމުގެ ރިޕޯޓަށް ފަހު، ހަމަލާ ދިން ފަރާތާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި 'ޑިޕްލޮމެޓިކް ރެޓްރިބިއުޝަން' ނުވަތަ ހާރިޖީ ގޮތުން ބަދަލުހިފުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ގައުމުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.


