"ބްރިކްސް"ގެ ބާނީ މެންބަރެއްގެ އިތުރުން އެ ޖަމާއަތުގެ އެންމެ ވަރުގަދަ އިގްތިސާދު ކަމަށްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. ޓްރަމްޕްގެ ދަތުރުފުޅާ ގުޅިގެން ވަންގް ޔީ ބެއިޖިންގައި މަޑުކުރައްވަން ޖެހިވަޑައިގަތުމުން، މި ބައްދަލުވުމުގައި ޗައިނާ ތަމްސީލުކުރައްވަނީ އިންޑިއާގައި ހުންނަވާ ޗައިނާގެ ސަފީރެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވަޑައިނުގެންނެވި ނަމަވެސް، މި ބައްދަލުވުމަކީ ނުހަނު މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. "ބްރިކްސް" ގައި މިހާރު ހިމެނެނީ ރަޝިއާ، ޗައިނާ، އިންޑިއާ، ބްރެޒިލް، ސައުތު އެފްރިކާ، އިންޑޮނޭޝިއާ، އިތިއޯޕިއާ، މިސްރުގެ އިތުރުން މެދުއިރުމަތީގެ މުހިންމު ދެ ގައުމު ކަމަށްވާ އީރާނާއި ޔޫއޭއީ އެވެ.
އީރާނުގެ މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް ޗައިނާގެ ރައީސަށް ބާރުއަޅުއްވަމުން ގެންދަވާއިރު، އީރާނުގެ ޚާރިޖީ ވަޒީރު އަރަގްޗީ މިހާރު ހުންނެވީ "ބްރިކްސް" ބައްދަލުވުމަށް ނިއުދިއްލީގައެވެ. ނަމަވެސް، އީރާނާއި ޔޫއޭއީއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން، ޔޫއޭއީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވާނީ ކޮން ބޭފުޅެއްކަން އަދި ސާފެއް ނުވެއެވެ.


