އެމެރިކާގެ ލޮސް އެންޖެލެސްގެ މުއްސަނދި އަވަށެއް ކަމަށްވާ އާކޭޑިއާގެ ކުރީގެ މޭޔަރު، އައިލީން ވަންގް، ޗައިނާ ސަރުކާރުގެ އެޖެންޓެއްގެ ގޮތުގައި ޣައިރު ގާނޫނީ ގޮތެއްގައި މަސައްކަތް ކުރި ކަމަށް އިއުތިރާފުވެފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހޯމަ ދުވަހު ބުނި ގޮތުގައި، އުމުރުން 58 އަހަރުގެ ވަންގް ވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމުގެ ދައުވާއަށް އިއުތިރާފުވުމަށް އެއްބަސްވެފައެވެ. ވަންގް އިއުތިރާފުވެފައިވާ ގޮތުގައި އޭނާ ޗައިނާގެ ފަރާތުން ޕްރޮޕެގެންޑާ ފެތުރުމުގައި މަސައްކަތް ކުރިއިރު، އެކަން އެމެރިކާ ސަރުކާރަށް އަންގާފައެއް ނުވެއެވެ.
ވަންގް ހިންގި "ޔޫއެސް ނިއުސް ސެންޓަރު" ކިޔާ ވެބްސައިޓެއް މެދުވެރިކޮށް، ޗައިނާގައި ދިރިއުޅޭ އެމެރިކާ މީހުންނަށް ހަބަރު ފަތުރާ ކަމަށް ދައްކައިގެން ޗައިނާ ސަރުކާރަށް ތާއީދުކުރާ ކޮންޓެންޓްތައް ޝާއިއުކޮށްފައިވެއެވެ. މީގެ ތެރޭގައި ޗައިނާގެ ޒިންޖިއާން ސަރަހައްދުގައި އުއިގޫރު މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، ޗައިނާ ސަރުކާރުގެ އޮފިޝަލުން ލިޔެފައިވާ މަޒުމޫނުތައް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ވަންގް ވަނީ ހޯމަ ދުވަހު މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދީފައެވެ. އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. ވަންގްގެ ވަކީލުން ބުނި ގޮތުގައި މިއީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ކުރެވުނު ކަމެއް ކަމަށާއި، މިއީ އިންތިހާބީ މަގާމެއްގައި ހުރެގެން ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެމެރިކާގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް ޖޯން އޭ އައިޒަންބާގް ވިދާޅުވީ، އާންމުންގެ އިތުބާރު އޮތް މަގާމެއްގައި ހުރި މީހަކު ބޭރު ގައުމެއްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބެއިޖިންގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި ސަމިޓުގައި ވިޔަފާރިއާއި، ޓައިވާނުގެ މައްސަލައިގެ އިތުރުން އީރާނާއި އިސްރާއީލުގެ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.


