އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ޓޮމް ބެރެންޑްސަންއާ ފޯނުން ގުޅުއްވައި، ސަރަޙައްދީ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ހާމަކޮށްފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރް.އައި.ބީ އިންނެވެ.
އީރާނުގެ ދައުލަތުގެ މީޑިއާގެ ޓެލެގްރާމް ޗެނަލްގައި ހާމަކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ވަޒީރުން ވަނީ ދެފަރާތުގެ ގުޅުމާ ގުޅުންހުރި ކަންކަމާއި، ސަރަޙައްދީ އަދި ޑިޕްލޮމެޓިކް ދާއިރާގައި މިހާރު ހިނގަމުންދާ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފަ އެވެ.
ނެދަލެންޑްސްގެ ޚާރިޖީ ވަޒީރާ މަޝްވަރާ ކުރެއްވުމުގެ ކުރިން، އަރަގްޗީ ވަނީ މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލްއާތީއާވެސް އެ ދުވަހުގެ ކުރީ ވަގުތެއްގައި ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މިއީ މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


