Tuesday, 28 July 2026
ލުބްނާނުގެ ވެރިރަށުގެ ދެކުނުގައި ހުންނަ އިމާރާތަކަށް އިސްރާއިލުން ހަމަލާދީފަ -- ފޮޓޯ: ބީބީސީ

ހިޒްބުﷲ އާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން ފުރަތަމަ ފަހަރަށް އިސްރާއީލުން ބައިރޫތަށް ހަމަލާދީފި

ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން ފުރަތަމަ ފަހަރަށް އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބައިރޫތަށް ވައިގެ މަގުން ވަރުގަދަ ހަމަލާއެއް ދީފިއެވެ. މި ހަމަލާއާއެކު، މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް ސުލްހައިގެ އެއްބަސްވުމަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިސްރާއީލުގެ ވައިގެ ސިފައިން ހަމަލާދީފައިވަނީ ބައިރޫތުގެ ދެކުނު ސަރަހައްދެއް ކަމަށްވާ ދާހިޔާއަށެވެ. މިއީ ހިޒްބުﷲ ގެ މައި މަރުކަޒުތައް ހުންނަ ސަރަހައްދެވެ. އިންޓަނެޓުގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހަމަލާގެ ސަބަބުން ބޮޑެތި އަލިފާންގަނޑުތައް އުފެދި، މަދުވެގެން އެއް އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހިޒްބުﷲ ގެ އެލީޓް ރަދުވާން ފޯސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން މި ހަމަލާއަކީ އޭނާ އަމިއްލައަށް ހުއްދަ ދެއްވައިގެން ދިން ހަމަލާއެއް ކަމަށެވެ. ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާ ދީފައިވަނީ އެ ޔުނިޓުގެ މެންބަރުން ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، ރޭގަނޑު 20:00 ހާއިރުއެވެ. މި ހަމަލާއާ ގުޅިގެން ހިޒްބުﷲ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލާއި ލުބުނާނުގެ ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އިއުލާނުކުރި ފަހުން ދާހިޔާއަށް ދިން ފުރަތަމަ ހަމަލާއެވެ. އެއްބަސްވުމެއް އޮތް ނަމަވެސް، ދެ ފަރާތުންވެސް ދަނީ އެއްބަސްވުމާ ހިލާފުވާކަމުގެ ތުހުމަތު އެއްބަޔަކު އަނެއްބަޔަކަށް ކުރަމުންނެވެ. ލުބުނާނުގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި ފާއިތުވި ހަފުތާގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި 120 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރުވެސް ލުބުނާނުގެ ބޯޑަރު ސަރަހައްދުގެ ބައެއް ބިންތައް ހިފާފައިވާއިރު، އެމީހުން ބުނަމުންދަނީ އެއީ ހިޒްބުﷲގެ ނުފޫޒެއް ނެތް "ސެކިއުރިޓީ ޒޯން" އެއް ހެދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، ހިއުމަން ރައިޓްސް ގްރޫޕްތަކުން ބުނާގޮތުގައި އެ ސަރަހައްދުތަކުގެ މުޅި އަވަށްތައް ސުންނާފަތިކުރުމަކީ ހަނގުރާމައިގެ ކުށަކަށް ވެދާނެ އަމަލެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *