Tuesday, 28 July 2026
އެކްޓަރުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ޖޯސެފް ވިޖޭ -- ފޮޓޯ: އެންޑީޓީވީ

ޓަމިލް ނާޑޫގެ އައު ޗީފް މިނިސްޓަރަކަށް ވިޖޭ، މާދަމާ ހުވާކުރައްވަނީ

އިންޑިއާގެ ޓަމިލް ނާޑޫގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލާއެކު، އެކްޓަރުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ޖޯސެފް ވިޖޭ މާދަމާ އެ ސްޓޭޓްގެ އައު ޗީފް މިނިސްޓަރުގެ ގޮތުގައި ހުވާކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އޭއެންއައި ނިއުސް އެޖެންސީން މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ އިންޑޯ ސްޓޭޑިއަމްގައެވެ.

ވިޖޭގެ ޕާޓީ، ޓަމިލް ވެޓްރީ ކަޒަގަމް (ޓީވީކޭ) އިން ވަނީ ފުރަތަމަ ފަހަރަށް އިންތިޚާބުގައި ވާދަކޮށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދާފައެވެ. 234 ގޮނޑި ހިމެނޭ އެސެމްބްލީގެ 108 ގޮނޑި ކާމިޔާބުކޮށް، އެ ޕާޓީ ވަނީ އެންމެ ގިނަ ގޮނޑި ހޯދި ޕާޓީގެ މަގާމު ހޯދާފައެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 118 ގޮނޑީގެ އަދަދަށް ވާސިލްވުމަށްޓަކައި، ކޮންގްރެސް އާއި ލެފްޓް ޕާޓީތަކުގެ އެހީތެރިކަން ޓީވީކޭ އިން ހޯދާނެ ކަމަށް ބެލެވެއެވެ.

މި އިންތިޚާބުގައި މިހާރުގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިންއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ކޮލަތޫރު ދާއިރާއިން ސްޓާލިން ބަލިވީ ޓީވީކޭގެ ކެންޑިޑޭޓް ވީއެސް ބާބޫއާ ވާދަކޮށް 8,795 ވޯޓުގެ ތަފާތުންނެވެ. ސްޓާލިންގެ ޑީއެމްކޭއަށް މިފަހަރު ކާމިޔާބު ކުރެވުނީ އެންމެ 59 ގޮނޑިއެވެ. ނަތީޖާއަށްފަހު ސްޓާލިން ވަނީ އިސްތިއުފާ ހުށަހަޅުއްވާފައެވެ. ގަވަރުނަރު ރާޖެންދްރަ އަރްލޭކަރް ވަނީ އައު ސަރުކާރެއް ހަވާލުވަންދެން މަގާމުގައި ދެމިހުރުމަށް ސްޓާލިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ވިޖޭގެ މި ކާމިޔާބީއަކީ 1977 ވަނަ އަހަރަށްފަހު ޑީއެމްކޭ ނުވަތަ އޭއައިއޭޑީއެމްކޭ ނޫން ޕާޓީއަކުން ޓަމިލް ނާޑޫގެ ވެރިކަމަށް އަންނަ ފުރަތަމަ ފަހަރެވެ. މިއާއެކު ވިޖޭ ވެގެން ގޮސްފައިވަނީ އެމްޖީ ރާމަޗަންދުރަން އާއި ޖޭ ޖަޔަލަލީތާ ފަދަ ފިލްމީ ދާއިރާއިން ސިޔާސީ ދާއިރާގެ އެންމެ އުސްމިނަށް ދަތުރުކުރެއްވި ލީޑަރުންގެ ތެރެއިން ބޭފުޅަކަށެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރުން މިހާރު ދަނީ ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރަމުންނެވެ. މީގެ ތެރޭގައި ސީޕީއައި(އެމް) އާއި ވީސީކޭ ފަދަ ޕާޓީތަކުގެ އިސްވެރިން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *