Tuesday, 28 July 2026
ކްރޫޒް ޝިޕް އެމްވީ ހޮންޑިއަސް -- ފޮޓޯ: އޭއެފްޕީ

ކްރޫޒް ޝިޕެއްގައި ހެންޓާވައިރަސް ފެތުރި ތިން މީހަކު މަރުވެއްޖެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ ކްރޫޒް ޝިޕެއްގައި ތިބި ތިން މީހަކު، މީދަލުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ހެންޓާވައިރަސް" ޖެހިގެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލެބޯޓްރީ ތަހުލީލުތަކުން އެކަކަށް މި ވައިރަސް ޖެހިފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އިތުރު ފަސް މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށްވެސް އެ ޖަމްއިއްޔާ އިން ބުނެއެވެ. ބަލިޖެހުނު ކަމަށް ބެލެވޭ ހަ މީހުންގެ ތެރެއިން ތިން މީހަކު މަރުވެފައިވާއިރު، އެކަކަށް ދަނީ ދެކުނު އެފްރިކާގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް ޑިޕާޓްމަންޓް އޮފް ހެލްތުގެ ތަރުޖަމާނު ފޮސްޓާ މޮހާލޭ ވިދާޅުވީ، "އެމްވީ ހިންޑިއަސް' ނަމަކަށް ކިޔާ މި ބޯޓުގެ ފަސިންޖަރުންނަށް ނޭވާލާ ނިޒާމުގެ ސީރިއަސް މައްސަލަތަކެއް ދިމާވެގެން އެ ގައުމުގެ ސިއްހީ މަރުކަޒުތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ. މި ބޯޓަކީ އާޖެންޓީނާގެ އުޝުއައިއާ އިން ފުރައިގެން ކެނެރީ އައިލެންޑްސްއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ.

ބޯޓު އޮޕަރޭޓްކުރާ އޯޝަންވައިޑް އެކްސްޕެޑިޝަންސް އިން ބުނި ގޮތުގައި، މި ދަތުރުގެ ތެރޭގައި ތިން ފަސިންޖަރުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ދެ މީހަކު މަރުވީ ބޯޓު ތެރޭގައެވެ. އަދި ތިންވަނަ މީހާ މަރުވީ ބޯޓުން ފޭބި ފަހުންނެވެ. ކޭޕް ވާޑޭގެ އައްސޭރިފަށުގައި މިވަގުތު އޮތް މި ބޯޓުގައި ބަލީގެ އަލާމާތްތައް ހުރި އިތުރު ދެ މީހަކު ތިބި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އޯޝަންވައިޑް އިން އިތުރަށް ބުނީ، މިވަގުތު މި ތިން މަރުގެ މައްސަލައާ ހެންޓާވައިރަސްއާ ސީދާ ގުޅުމެއް އޮތްކަން އަދި ކަށަވަރެއް ނުކުރެވޭ ކަމަށެވެ. އަދި ބޯޓުގައި މިހާރު ތިބި ބަލީގެ އަލާމާތްތައް ހުރި ދެ މީހުންގެ ހަށިގަނޑުން ވައިރަސް ފެނިފައި ނުވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ. ސިއްހީ މާހިރުން ދަނީ ބޯޓަށް އަރައި ބަލިމީހުންގެ ހާލަތު ބަލަމުންނެވެ.

މި ބޯޓުގައި ގާތްގަނޑަކަށް 150 އެއްހާ ފަސިންޖަރުން ތިބި އިރު، ބޯޓު ވަނީ އެންޓާކްޓިކާ، ފޯކްލޭންޑް އައިލެންޑްސް އަދި ސެއިންޓް ހެލީނާ ފަދަ ތަންތަނަށް މަޑުކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ބަލި ފެތުރެން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *